ފުވައްމުލަކު ސިޓީގައި ޕީޖީ އޮފީހުގެ ގޮއްޕެއް ޤާއިމްކުރީ ފުލުހުންނާއި ކޯޓްތަކުން ކުރަމުންގެންދާ މަސައްކަތަށް ލުޔެއް ހޯދައިދިނުމަށްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ގޮތްޕެއް ހުޅުވައިދެއްވުމަށް ފަހު، ވާހަކަ ދައްކަވަމުން ނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަކީ ވެސް އެ އޮފީސް ހުޅުވުމުގެ ބޭނުމެއް ކަމަށެވެ.
އެ ސިޓީގައި ހުޅުވި މި އޮފީހުގައި ވެސް ދައުލަތުގެ ޕްރޮސެކިއުޓަރުން ތިބޭގޮތަށް ހަމަޖައްސާފައިވާއިރު، ދައުލަތުގެ ފަރާތުން ކޯޓުތަކުގައި ދައުވާ ކުރާފަރާތަކީ ޕްރޮސެކިއުޓަރުން ނެވެ.
ޕީޖީ އޮފީހުން އެންމެފަހުން މިދިޔަ އޮކްޓޯބަރ މަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ފައްކާގޮތުގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޕީޖީ އޮފީހުންވަނީ ފަސް މައްސަލައެއް ހުށަހަޅާފަ އެވެ. އަދި އެކޯޓުން ވަނީ 23 މައްސަލައެއްގެ ޝަރީއަތް ހިންގާފަ އެވެ.
އޭގެ ތެރެއިން ތިން މައްސަލައެއް އެކޯޓުން ނިންމާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އަތޮޅު ތެރޭގައި ކުރާ ކުށްތަކުގެ މައްސަލަތައް އެސަރަހައްދަކުން ބެލޭނެ އިންތިޒާމުތައް ހަމަޖައްސައި މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަކީ ޕީޖީ އޮފީހުން ވަރަށް ބޮޑަށް އިސްކަންދެއްވައިގެން ކުރާ މަސައްކަތެކެވެ.
ކުރީގެ އިޖުތިމާއީ މަރުކަޒު ހުޅުވި މި އިމާރާތުގައި ހުޅުވި މި އޮފީސް ރަސްމީކޮށް ހުޅުއްވައި ދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް އާއި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤުއެވެ.






