Close

ރާއްޖޭގެ ކަނޑުތައް ދިރާސާކުރާ ބޯޓު އަންނަ ހަފުތާގައި ހަރަކާތްތެރިވާނީ އައްޑު ސިޓީ އާއި ފުވައްމުލައް ސިޓީގަ

ރާއްޖޭގެ ކަނޑުތައް ދިރާސާކުރާ ބޯޓު އަންނަ ހަފުތާގައި ހަރަކާތްތެރިވާނީ އައްޑު ސިޓީ އާއި ފުވައްމުލައް ސިޓީގައި ކަމަށް މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނެފި އެވެ.

އެ އިންސްޓިޓިއުޓުން ބުނީ އާރުވީ އޮޑެއްސީ، ކިޔާ ކަނޑުގެ ދިރާސާތަކުގައި ބޭނުންކުރާ ބޮޑު އުޅަނދު އައްޑޫ ބޭރުގައި ހަރަކާތްތެރި ވަމުންދާއިރު، އެއުޅަނދާއި 500 މީޓަރަށް ވުރެ ދުރުން ދަތުރުކުރެއްވުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

ރާއްޖޭގެ ކަނޑުތަކުގެ “ސިއްރުތައް” ހޯދުމަށް މިހާރު ކުރިއަށް ގެންދާ ދިވެހި ކަނޑުގެ ބޮޑު ދިރާސާގައި ބައިވެރިވާ ސައިންސްވެރިންގެ ފުރަތަމަ ޓީމު ސެޕްޓެމްބަރު މަހުގެ 7 ވީ ބުދަ ދުވަހު މާލެއިން ފުރާފައިވާއިރު، އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ދިޔައީ ވ. އަތޮޅަށެވެ.

މި ދިރާސާގައި ވ. އަތޮޅާއި ލ. އަތޮޅާއި ހުވަދު އާއި ފުވައްމުލަކު އަދި އައްޑޫގެ ކަނޑުގެ ސަރަހައްދު ބަލާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ކަނޑުގެ އަޑީގެ ދިރާސާތަކަށް، އަޑިއަށް ދިއުމަށް މިއުޅަނދުގައި ސަބްމާސިބަލް ދެ އުޅަނދު އޮންނައިރު، ކަނޑުގެ 1،000 މީޓަރު ފުނަށް ދިއުމުގެ ގާބިލުކަން ލިބިފައިވާ އޮމެގާ ސީމާސްޓާ 2 (ރަތްކުލަ) އާއި 2000 މީޓަރު އަޑިއަށް ދިއުމުގެ ގާބިލުކަން ލިބިފައިވާ އޯރީލިއާ (އޮރެންޖް ކުލަ) ދެ އުޅަނދެވެ.

ރާއްޖޭގެ ކަނޑުތަކުގެ މި ދިރާސާގައި މިއުޅަނދުތައް ބޭނުންކުރާނެ އެވެ. އަދި މި ދެ އުޅަނދުގެ ރޮބޮޓިކް އުފެއްދުންތައް ވެސް މިސާވޭގައި ބޭނުން ކުރާނެއެވެ.

ދިރާސާގެ މިޝަން 35 ދުވަހަށް ދެމިގެންދާއިރު، ކަނޑުގެ ސަތަހައިން ފެށިގެން 1،000 މީޓަރާ ހަމަ އަށް ސާވޭ ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ. މި ދިރާސާގައި ކަނޑުގެ އަޑީގެ ދިރުންތަކުގެ ސިއްހަތު ދެނެގަނެ، ކަނޑުތައް ހިމާޔަތްކުރެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންވާނެ މައުލޫމާތު ހޯދާނެ އެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ ކަނޑުގެ ފުނުގައި ދިރުންތައް އަލާވެފައިވާ މިންވަރު ދެނެގަނެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top