ވ. އާރަށުގެ މައްސަލައިގާ ދިފާއު ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގާ ނިމިއްޖެ އެވެ.
އެ ރަށް ކުށްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރާ މައްސަލާގެ ހެކިބަސް ނަގައި ނިމުނީ މިއަދު އެވެ.
ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުން މިމަހުގެ 29 ވަނަ ދުވަހު ބާއްވާނެކަމަށް ޝަރީއަތުން މިއަދުވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް މިމުއްދަތަކީ މާ ކުރު މުއްދަތެއްކަމަށް ދިފާއީ ވަކީލުން ވިދާޅުވުމުން ޤާޒީ ވިދާޅުވީ ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުން ފަސްކުރެވޭނަމަ އެކަން ކުރީބައިގައި ޝަރީއަތުން އަންގާނެކަމަށެވެ.
ނަމަވެސް މިޝަރީއަތަކީ ދުރާލައި ހެއްކާއި ގުޅޭގޮތުން ވާހަކަ ދައްކާނެ ދުވަހަކާއި، ޚުލާސާ ބަޔާން އިއްވާނެ ދުވަހާއި، ހުކުމްކުރާނެ ދުވަސް ވެސް ކަނޑައަޅައި ދައުލަތާއި، ދިފާއުން ވެސް އެއްބަސްވެފައިވާ ދުވަސްތަކެއްކަން މިމައްސަލަ ބައްލަވާ ޤާޒީ ވިދާޅުވެފަ އެވެ. ދިފާއުން ވަނީ ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށާއި، ޚުލާސާބަޔާން އެއްދުވަހެއްގައި ކުރިއަށް ގެންދިއުމަށް އެއްމަސް ދުވަހުގެ މުއްދަތަކަށް އެދިފައެވެ. ނަމަވެސް ދައުލަތުން އެދުނީ ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށާއި، ޚުލާސާބަޔާނަށް ވާހަކަ ދެއްކުމަށް ދެ އަޑުއެހުމެއް ބޭއްވުމަށެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އުފުލާފައިވާ އިރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
މިމައްސަލާގެ ދިފާއުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިމައްސަލާގައި ހުށަހަޅާފައިވަނީ 7 ހެކިން ނެވެ. މިއަދު ހެކިބަސް ނަގާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުޖުތާޒު އަދި ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު ޒުހޫރުގެ ހެކިބަހެވެ.






