Close

ގެމަނަފުށީ އައިސްޕްލާންޓަކީ ފެލިވަރުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖާއެކު ގާއިމުކުރާ ތަނެއް: ފިޝަރީޒް މިނިސްޓަރ

ގއ. ގެމަނަފުށީގައި 50 ޓަނުގެ އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތަކީ ފެލިވަރުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖާއެކު ގާއިމުކުރާ ތަނެއް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު ސައީދު، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

މެމްބަރު ސައީދު ސުވާލު ކުރައްވާފައިވަނީ ގެމަނަފުށީގައި 50 ޓަނުގެ އައިސްޕްލާންޓް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅަކަށް ވާއިރު، އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހަކާއި މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަކީ ކޮބައިތޯ އޮޅުން ފިލުވުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ވިދާޅުވީ ގެމަނަފުށީގައި 50 ޓަނުގެ އައިސްޕްލާންޓް ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި މަސްވެރިންނަށް އައިސް ލިބުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް، ދެކަމެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

ޑރ. ހުސައިން ވިދާޅުވީ އޭގެ ތެރެއިން އެއްކަމަކީ، އައިސްޕްލާންޑް ގާއިމުކުރުމުގެ މަސައްކަތް ކަމަށާއި އަނެއް ކަމަކީ މަސްދޯނިފަހަރުގައި ފިނިކުރާ ނިޒާމު ގާއިމުކުރުން ކަމަށެވެ.

"ރާއްޖޭގެ އެތަންމިތާ އިތުރު ފަސް އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ. އެ މަސައްކަތުގެ ދަށުން ދެ ފަހަރެއްގެ މަތިން އިއުލާން ކޮށްގެންވެސް ބަޔަކު ނުލިބުމުގެ ސަބަބުން، ކޮންޓްރެކްޓަރުންނަށް ދައުވަތުދީގެން އެމީހުންގެ ބިޑު ހޯދައިގެން އެ މަސައްކަތް ކުރަމުން އަންނަނީ." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ދޯނި ފަހަރުގަ ފިނިކުރާ ނިޒާމު ހަރުކުރަން ވިސްނުންފުޅުގައި އެބަހުރި ކަމަށާއި އެ ނިޒާމުތައް ހަރުކުރުމަށް ބޭނުންވާ ފައިސާ އެކި ފަންޑުތަކުން ލިބިފައިވާ ކަމަށެވެ.

"މިހާރުވެސް ބޭންކުގަ އެބަހުރި ފައިސާ. މިކަން އަޅުގަނޑުމެންނަށް ކުރެވެން ފެށީމަ އައިސްގެ މައްސަަލައަށް ދާނީ ލުއިކަން ލިބެމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top