މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި ޚިދުމަތްތައް ދިނުމުގެ ވަޢުދާއިއެކު ކަމަށާއި، އެ ވަޢުދުތައް ފުއްދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނި މިހެން ވިދާޅުވީ ހދ. ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ސާލިހު ވަނީ ނައިވާދޫއަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމުގައިވާ ފެނުގެ ދަތިކަން، އަލަށް ޤާއިމްކުރި ފެނުގެ ނިޒާމާއެކު ޙައްލު ކުރެވިއްޖެކަން އުފަލާއެކު ފާހަގަ ކުރައްވާފަ އެވެ.
ނައިވާދޫ ބަނދަރު ސަރަޙައްދުގައި އޮތް ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނައިވާދޫގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވެފައި އޮތް ސާފު ބޯފެނުގެ ދަތިކަމުގެ މައްސަލައަކީ އެކަމުގެ ޙައްލަކަށް ރައްޔިތުން އެދިއެދި ތިބި ކަމަކަށް ވާއިރު، މިއަދު އެ ޚިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް އޮތުމަކީ، އެއީ އަސާސީ ހައްޤެއް ކަމަށާއި، އެއީ ވަޢުދެއްގެ ގޮތުގައި ހަމައެކަނި މެނިފެސްޓޯގައި ހިމަނަންޖެހޭ ވަރަށްވުރެ ވެސް މާ މުހިއްމު ކަމެއްކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ނައިވާދޫގެ ބަނދަރު ކުޑަވެ ޖާގައިގެ ދަތިކަން ދިމާވެފައިވާތީ، ނައިވާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފަށައި އެ ދަތިކަން ޙައްލުކޮށް ދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ނައިވާދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިމި، ފެނަކައިން އެ ރަށުގައި ޚިދުމަތްދޭން ފަށާފައި ވަނީ، ހުސްވި އޮގަސްޓް މަހުގެ 07 ވަނަ ދުވަހުން ފެށިގެން ނެވެ. މިގޮތުން ނައިވާދޫގެ 4.5 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯރކެއް އަޅައި 174 ގޭބިސީއަކަށް މިހާރު ވަނީ ފެން ގުޅައިދީފަ އެވެ.
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޢުދެވެ.






