Close

އެމްއެންޑީއެފް ގެ ގައުމީ ލަވަ އަލްބަމް ނެރެފި - ނަމަކީ "ދިވެހިރާއްޖެ"

ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކޮންމެ އަހަރަކު ނެރެމުންދާ ގައުމީ ލަވަ އަލްބަމް ނެރެފި އެވެ.

"ދިވެހިރާއްޖެ" މި ތީމަށް ތައްޔާރުކޮށްފައިވާ މި އަލްބަމްގައި 7 ލަވަ ހިމެނޭއިރު، ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިން ނެވެ.

މި އަލްބަމަށް ޅެން ހައްދަވައިދެއްވާފައިވަނީ ލެފްޓިނެންޓް ކާނަލް އަންވަރު ޒާހިރު، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސައީދު، ޕްރައިވެޓް މުޙައްމަދު މާހިދު (މާޓު)، ޖައުފަރު ޢަބްދުއްރަޙްމާން، އާދަމް ނަޞީރު އިބްރާހީމް، ފާތިމަތު ޝަރީފް އަދި މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އެވެ.

މިފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކާއި ރާގުތައް ހިމެނޭ ކަމަށާއި މި އަލްބަމްގެ ލަވަތަކުގައި ރާއްޖޭގެ ރީތިކަމާއި، ޖަޒީރާވަންތަކަމާއި، ޤައުމިއްޔަތު ސިފަކޮށްދޭ ލަވަތައް ހިމަނާފައިވާނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވި އެވެ.

މިއަހަރުގެ އަލްބަމްގެ ރާގު ހައްދަވާފައިވަނީ ލެފްޓިނެންޓް ކާނަލް ޢަލީ މަނިކު (ދާރީ)، ވޮރަންޓް އޮފިސަރ 2 ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިން، ސްޓާފް ސާޖަންޓް އިބްރާހީމް އާސިފް، ޕްރައިވެޓް މުޙައްމަދު މާޙިދު (މާޓު) އަދި ޑީޓިއުން ބޭންޑެވެ.

ފުރަތަމަ ފަހަރަށް ލައިވް ކޮންސެޕްޓަކަށް ހެދި މި އަލްބަމްގެ ރެކޯޑިންގއާއި މިކްސިންގ އަދި މާސްޓަރިންގ ހެދުމުގައި އެންމެ އިސް އިންޖީނިއަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވަނީ ވޮރަންޓް އޮފިސަރ 1 ފަޠުހުﷲ ޝަކީލް ޙުސައިން އެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު އަލްބަމްގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުންނާއި އެމްއެންޑީއެފް އޮފިޝަލް ޔޫޓިއުބް ޗެނަލްއަށް ވަނީ އަޕްލޯޑު ކުރެވިފަ އެވެ. އަދި އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްެއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.

މިއަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއާއި ލެފްޓިނެންޓް ރިޓަޔަރޑް އަޝްހަރު ވަޙީދާއި ވޮރަންޓް އޮފިސަރ 2 އިބްރާހީމް އަޙްމަދެވެ.

އެމްއެންޑީއެފުން ދަނީ 2002 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކު ވެސް ޤައުމީ ލަވަ އަލްބަމެއް ނެރެމުންނެވެ. އަދި، އެމްއެންޑީއެފުން ނެރޭ ޤައުމީ ލަވަތަކަކީ، އާންމުންގެ ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ލަވަތަކެކެވެ.

ޔޫޓިއުބް ޗެނަލުން ލަވަތައް ބެއްލެވުމަށް: https://www.youtube.com/playlist?list=PLzciUg5mDvx3y9oJE6RIR4KyqZB31ZCoy

އެމްއެންޑީއެފް ވެބްސައިޓުން ލަވަތައް ބެއްލެވުމަށް:  https://mndf.gov.mv/mndf/en/album-show.php?album=8

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top