މިއަހަރުގެ އޮގަސްޓް މަސް ނިމުނުއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް 4.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ސިލްސިލާގޮތެއްގައި ބާއްވަވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ތަރުޖަމާން މިއުވާން ވިދާޅުވީ އެއީ ޕީއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު ކަނޑައެޅި ބަޖެޓުގެ 76 އިންސައްތަ ކަމަށެވެ.
ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫޢުތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިޢްވާން ވަނީ އެކި ދާއިރާތަކުން ހިންގިފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކާއި މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި އަދި ބީލަން މަރުހަލާއާ ޕްލޭނިންގ މަރުހަލާގައި ހުރި މަޝްރޫޢުތަކުގެ ތަފާސް ހިސާބު މަޢުލޫމާތުތައް ނޫސްވެރިންނާ ޙިއްޞާކުރައްވާފަ އެވެ.
މިގޮތުން، ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ބަނދަރުހެދުމާ، ގޮނޑުދޮށް ޙިމާޔަތްކުރުމާ، މަގުހެދުމާ، ބޯހިޔާވަހިކަމާއި ގުޅޭ މަޝްރޫޢުތަކުގެ ތަފާސް ހިސާބު މަޢުލޫމާތުތައް މިޢްވާން ނޫސްވެރިންނާ ޙިއްޞާ ކުރެއްވި އެވެ.
މީގެ އިތުރުން މިޢްވާން މުޙައްމަދު ވަނީ، ފާއިތުވެ ދިޔަ ހަފްތާގެ މުހިއްމު ކަންކަމަށާއި ކުރިޔަށް އޮތް ހަފްތާއަށް ރޭވިފައިވާ މުހިއްމު ކަންކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، ކައުންސިލްތަކާ، އ.ތ.މ ކޮމިޓީތަކާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި، ރަށްރަށުގެ މެދުގައި ތަފާތު ކުރުމެއް ނެތި އެރަށްރަށުގެ ތަރައްޤީއަށް މިސަރުކާރުން ގިނަ ކަންތައްތަކެއްކޮށްދެއްވާފައިވާ ކަން ކައުންސިލްތަކުން ފާހަގަކުރައްވާފައިވާ ކަމުގައި ވިދާޅުވި އެވެ.
މިޢްވާން ވިދާޅުވީ، މީގެ ކުރިން ކައުންސިލް ބައްދަލުވުންތަކުގައި ވެސް ކައުންސިލްތަކުން އެންމެ ބޮޑަށް ފާހަގަކުރައްވަމުން އައީ އަސާސީ ޚިދުމަތްތައް ނުލިބުން ކަމުގައި ވީނަމަވެސް، މިސަރުކާރުން ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި އެކު އެޙާލަތު ބަދަލުވެފައިވާ ކަމަށެވެ.
ކުރިއަށް އޮތް ހަފްތާގެ މުހިއްމު ކަންކަމުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރުމާ ގުޅިގެން ބާއްވާ އެކި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމާއި، އެގޮތުން ފަތުރުވެރިކަމުގެ އެޕްރިސިއޭޝަން ނައިޓްގައި މިރޭ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގަންނަވާކަމުގައި މިޢްވާން ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި، ޕީއެސްއައިޕީ މަޝްރޫޢުތަކާއި ގުޅޭ ގޮތުންނާއި، އަދި އެހެން ދާއިރާތަކުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވަނީ ޖަވާބު ދެއްވާފައެވެ.






