ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބީލަމަށް މި މަހު ހުޅުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއު އާ ގުޅޭގޮތުން އެ މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ ބިޑުގެ ޕްރިކޮލިފިކޭޝަން މަރުހަލާ ނިމިފައިވާ ކަމަށެވެ. އަދި ހަތް ކުންފުންޏެއް ބީލަމަށް ކޮލިފައިވެފައިވާ ކަމަށެވެ.
އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަސައްކަތަށް 261 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓު އަޕްގްރޭޑު ކުރުމުގެ މަސައްކަތުގެ ތެރޭގައި ޑޮމެސްޓިކް ޓަރމިނަލް އެޅުމާއި އެއަރޕޯޓަށް ދަތުރުކުރާ މަގުތައް ހެދުމާއި ކާގޯ ބިލްޑިންގ އަދި އެހެނިހެން ސަޕޯޓް އިންފްރާސްޓްރަކްޗަރ ގާއިމުކުރުން ހިމެނެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގެ ދަށުން ތަރައްގީ ކުރާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހު ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާއެކު ސޮއިކޮށްފަ އެވެ.
އެކުންފުންޏަން ހަނިމާދޫ އެއަރޕޯޓުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 137 މިލިއަން ޑޮލަރަށެވެ.






