Close

ފޮތްކިޔާ އައިނު ބޭނުން ކުރުން ނިމުމަކަށް، އެފްޑީއޭގެ ހުއްދަ އައިޑްރޮޕްސްއަކަށް

ފޮތް ކިއުމަށް ބޭނުންކުރާ ނަމްބަރު އައިނު އަޅަން ނުޖެހޭނެ ގޮތެއް ހެދުމަށް ސިއްހީ ތަޖުރިބާކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބު ވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާގެ ފުޑް އެންޑް ޑްރަގްސް އެޑްމިނިސްޓްރޭޝަނުން ވަނީ ލޮލުގެ ފެނުން ފަނޑު މީހުން ބޭނުން ކުރަން ހާއްސަ އައިޑްރޮޕްސްއެއް ކަމަށްވާ ވިއުޓީ ކިޔާ އުފެއްދުމެއް ބޭނުން ކުރުމުގެ ހުއްދަ ދީފައި އެވެ. މި އައިޑްރޮޕްސް އަކީ ދުވަސްވީ މީހުންގެ ލޮލުގެ ފެނުމަށް ދިމާވާ މައްސަލަތަކާއި ދުރު ނުވަތަ ކައިރި ފެނުމުގައި މައްސަލަ އުޅޭ މީހުންނަށް ހާއްސަ އެއްޗެކެވެ.

ވިއުޓީ ނަމަކަށް ކިޔާ އައިޑްރޮޕްސް ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ތިން ކްލިނިކަކުން ހެދި ޓެސްޓުތަކުން އެ އައިޑްރްޕް ބޭނުން ކުރުމުށް ރަނގަޅު އަސަރު ފެނިފައިވާތީ އެވެ. އެގޮތުން އުމުރުން 40 އަހަރާއި 55 އަހަރުގެ ފެނުމުގެ މައްސަލަ ނުވަތަ ޕްރެސްބަޔޯޕިއާ ހުންނަ 750 މީހުން މި ދިރާސާގައި ބައިވެރިކޮށްފައިވެ އެވެ.

ނަތީޖާއަށް ބަލާއިރު މި އައިޑްރޮޕްސް އަޅާތާ 15 މިނެޓު ތެރޭގައި ލޮލުގެ ފެނުން ސާފުވެ އެވެ. އަދި ވިއުޓީ އައިޑްރޮޕްސް ކޮންމެ ދުވަހަކު އެއް ފަހަރު އެޅުމުން ފުދޭ ކަމަށް ބުނެފައިވެ އެވެ. މި އައިޑްރޮޕްސްގެ އަސަރު 30 ގަޑިއިރު ހުރެ އެވެ.

މި އައިޑްރޮޕްސް ބޭނުން ކުރި މީހުންނަށް މާ ބޮޑު ސައިޑްއިފެކްޓެއް ދިމާވެފައެއް ނުވެ އެވެ. ދިމާވި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ބޮލުގައި ރިއްސުމާއި ލޯ ރަތްވުމެވެ.

ޕްރެސްބަޔޯޕިއާގެ މައްސަލަ އާންމުކޮށް ދިމާވަނީ އުމުރުން 40 އަހަރުން މަތިވުމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ނަމްބަރު އައިނު އަޅަން ނުޖެހޭނެ ގޮތެއް ހޯދުމަށް ތަޖުރިބާކާރުން ދަނީ ތަފާތު ދިރާސާތައް ކުރަމުންނެވެ. އެކަމަކު މިއީ މިފަދަ ބޭހަކަށް މި ހުއްދަ ލިބުނު ފުރަތަމަ ފަހަރެވެ.

ވިއުޓީ އައިޑްރޮޕްސް ޑޮކްޓަރެއްގެ ލަފާގެ މަތިން ނޫނީ ނުވިއްކަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top