މިއަދު ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭ ހެޔޮ ބަދަލުތަކުގެ ނަތީޖާ ފެނިގެންދަނީ މުޅި ރާއްޖެއިންކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ބާބު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި، ކަރަންޓު ޔަގީން ކޮށްދެއްވުމަކީ އަތޮޅު ތެރޭގެ ތަރައްޤީއަށް ކުރެވުނު މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވާލުމަކީ ވެސް އޭގެ ހެއްކެއް ކަމަށެވެ.
ސަރުކާރުން އަތޮޅު ތެރޭގެ ތަރައްޤީއަށް ކުރާކޮންމެ ކަމެއްގެ ހެޔޮ ބަދަލު ފެނިގެންދާނީ މާލެ ސަރަހައްދުން ކަމަށާއި މާލޭ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި އަސާސީ އެނޫން ޚިދުމަތްތައް ވެސް އަތޮޅު ތެރެއެކޭ އެއްގޮތަށް މިސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމަށް ޔައުގޫބް ވިދާޅުވި އެވެ.
މީގެ އިތުރުން މިސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިން އެންމެ ބޮޑު ޔަގީންކަމަކީ ހަމަހަމަ އުސޫލުން މުޅި ރާއްޖެ ތަރައްޤީ ކުރުން ކަމަށާއި ނިމިދިޔަ ވެރިކަންތަކުގައި މާލެ ސަރަހައްދު ތޮއްޖައްސައި މަރުކަޒީ ނިޒާމެއްގެ ތެރެއިން ހިންގި ސިޔާސަތު ދޫކޮށްލުމަކީ މުޅިރައްޔިތުންނަށް މިކަމުން ފައިދާ ކުރާނެކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަރުކަޒީ ނިޒާމުގެ ސަބަބުން ތަރައްޤީގައި އެންމެ ދަތިހާލުގައި އުޅެންޖެހުނު އެއްބަޔަކީ މާލޭގެ ރައްޔިތުން. މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ އަސްލު މައްސަލައަކީ ވެސް ތޮއްޖެއްސުމުގެ ސަބަބުން ކުރިމަތިވިކަމެއް." ޔައުގޫބް ވިދާޅުވި އެވެ.
މީގެ އިތުރުން ޔައުގޫބު ވަނީ މި ސިޔާސަތު ބަދަލުކުރުމަށް މިސަރުކާރުން މުޅި ރާއްޖެ ތަރައްޤީކޮށް އަތޮޅު ތެރޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި، އެނޫންވެސް ގިނަ ޚިދުމަތްތަކެއް ޤާއިމް ކޮށްދެއްވަމުންދާކަމަށް ވިދާޅުވެފަ އެވެ.






