ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާ ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ގއ. ނިލަންދޫ، ދާންދޫ، މާމެންދޫ އަދި ވިލިނގިއްޔަށް ވަޑައިގަންނަވާނެ ކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވި އެވެ.
މިނިސްޓަރ ގެ މި ދަތުރުފުޅުގައި ނިލަންދޫގައި ތަރައްޤީކޮށްފައިވާ ވޮލީކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައި، ދާންދޫގައި ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމް ވެސް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން މާމެންދޫ އާއި ވިލިނގިލީގައި ކުރިޔަށްދާ މަޝްރޫޢުތައް ބައްލަވާލައްވައި، މި ރަށްރަށުގެ ކައުންސިލް އަދި ރަށުގެ ޒުވާނުންނާ ވެސް މިނިސްޓަރ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވި އެވެ.
ޔޫތް މިނިސްޓްރީން ވިދާޅުވީ މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުޢާދު އާއި ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދު الله އަދި ޔޫތް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް އޮފިސަރ އިސްމާޢިލް ރައޫފް ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.






