އަފްޣާނިސްތާނުގައި ޖާނުން ފިދާވެގެންދިން ބޮމުގެ ހަމަލާއެއްގައި 19 ދަރިވަރުން މަރުވެއްޖެ އެވެ.
މި ހަމަލާ ދީފައިވަނީ ވެރިރަށް ކާބުލްގެ ޝީއީ މުސްލިމުން އުޅޭ ސަރަހައްދެއްގައި ހުންނަ އެޑިއުކޭޝަން ސެންޓަރަކަށެވެ. މި ހާދިސާގައި 27 މީހުން ޒަހަމްވެފައިވެ އެވެ.
ތޯލިބާން ސަރުކާރާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ހުކުރު ދުވަހު މި ހަމަލާދިނީ އެ ސެންޓަރުގެ ތެރެއަށް އެމީހާ ވަނުމަށް ފަހު ކަމަށެވެ. އަމިއްލަ ބަޔަކު ހިންގާ އެ ސެންޓަރުގައި އެގަޑީގައި ކުރިޔަށް ދިޔައީ ޔުނިވާސިޓީތަކަށް ވަންނަން ދަރިވަރުން ހަދާ ޓެސްޓަށް ތައްޔާރުވުމަށް ކުރިޔަށް ގެންދިޔަ ތަމްރީންތަކެއް ކަމަށް މައުލޫމާތުދެ އެވެ.
ހާދިސާގައި މަރުވެ ޒަހަމްވި ހުރިހާ ކުދިންނަކީ އެތަނުގައި ތިބި ދަރިވަރުންނެވެ. ތޯލިބާނުން ވަނީ އެފަދަ އެޑިއުކޭޝަން ސެންޓަރުތަކަށާއި އިމްތިހާނުތައް ކުރިޔަށްދާ ތަންތަނަށް ސެކިއުރިޓީ ވަރުގަދަ ކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ބުނެފައި އެވެ.
މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު ނުނެގި ނަމަވެސް ތޯލިބާން ސަރުކާރުން ބުނީ އެއީ އައިއެސްގެ ހަމަލާއެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެއީ މިހާތަނަށް އެ ގައުމުގެ ޝީއީ މުސްލިމުންނާއި ދެކޮޅަށް ދެމުންދާ ހުރިހާ ހަމަލާތަކެއްގެ ޒިންމާ އެ ޖަމާއަތުން ނަގާފައިވާތީ އެވެ.
2021 ވަނަ އަހަރު ތޯލިބާނުން އެ ގައުމުގެ ވެރިކަމަށް އެރީންސުރެ އައިއެސްއިން ދަނީ ކޮންމެ ހަފްތާއަކުހެން އަފްގާންގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. އެމީހުންގެ ހުރިހާ ހަމަލާއެއްވެސް އަމާޒު ކުރަނީ ޝީއީ މުސްލިމުންނަށެވެ.
އެ ޖަމާއަތުން މީގެ ކުރިން ބުނެފައިވަނީ އެމީހުން ސާބިތުކޮށްދޭން ބޭނުންވަނީ ތޯލިބާނުންނަށް އަފްގާނަށް ސަލާމަތާއި ރައްކާތެރިކަން ނުގެނެސްދެވޭނެ ކަން ކަމަށެވެ.






