ގއ. އަތޮޅުގެ ދެ ރަށެއްގައި ސަރުކާރުން ގާއިމުކުރި އައުޓްޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި އެވެ.
އެގޮތުން ހުޅުވާފައިވަނީ ގއ. ނިލަންދޫ އާއި ގއ. ދާންދޫގައި ސަރުކާރުން ތަރައްޤީކުރި އައުޓްޑޯ ވޮލީކޯޓެވެ.
މި ދެ ކޯޓު ހުޅުވައިދެއްވީ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަހްމަދު މަހްލޫފް އެވެ.
މި ދެރަށުގެ އައުޓްޑޯ ވޮލީކޯޓުތައް ހުޅުވާފައިވަނީ މިނިސްޓަރ މަހްލޫފު، ގއ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.
މި ދެރަށުގެ ވޮލީ ކޯޓޫ ހުޅުވުމަށްފަހު، ވަނީ ވޮލީ މެޗެއް ކުޅެފަ އެވެ.
ދާންދޫ ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ޚާއްސަ ވޮލީ މެޗުގައި މިނިސްޓަރ މަޙްލޫފް އާއި ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދު الله ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ދާންދޫ އައުޓްޑޯ ވޮލީކޯޓު ގައި ކުޅުނު ޚާއްސަ ވޮލީ މެޗުގައި މިނިސްޓަރ މަޙްލޫފް އާއި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުޢާދު އަދި ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދު الله ބައިވެރިވެވަޑައިގެންނެވި އެވެ.
ނިލަންދޫ ކައުންސިލް މެމްބަރުންނާއި ޒުވާނުންނާއި ބައްދަލުކުރައްވާފައި ޒުވާނުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާ، މިނިސްޓަރ މަހްލޫފް ވިދާޅުވީ އެންމެ އަވަހަށް ހައްލުކޮށްދެވެން ހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.
މިނިސްޓަރ މަހްލޫފުގެ މި ދަތުރުފުޅުގައި ދާންދޫގައި ތަރައްޤީކުރި އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުއްވާދެއްވާ، ރަށު ކައުންސިލް މެންބަރުންނާއި ޒުވާނުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ދާންދޫގެ އިތުރުން ދެން ވަޑައިގަންނަވާނީ އެ އަތޮޅު ވިލިނގިއްޔަށާއި މާމެންދޫ އަށެވެ.







