ދިވެހިރާއްޖެއަކީ ލަގްޒަރީ ހޮޓާ ރިސޯޓްތަކުން ފެށިގެން މެދު ފަންތީގެ ޓުއަރިޒަމަށް ހުޅުވިފައި އޮތް، އަދި މުޅި ދުނިޔެ ބަލައިގެންފައިވާ މަންޒިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ ގައި ކުރުނބާ މޯލްޑިވްސް ގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ސާލިހު ވަނީ އެކަމަށްޓަކައި، ރިސޯޓްތަކުގެ ވެރިންނަށާއި، ރިސޯޓް އޮޕަރޭޓަރުން އަދި ގެސްޓް ހައުސް ހިންގަވާ ބޭފުޅުންނަށާއި، ސަފާރީ އުޅަނދުތައް ދުއްވާ ބޭފުޅުންނަށާއި، ޑައިވް ސެންޓަރުތައް ހިންގަވާ ބޭފުޅުންނަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޓްރެވަލް އޭޖެންޓުންނަށާއި ފަތުރުވެރިންނަށް ޚިދުމަތް ދެއްވާ ފަންނާނުންނާއި، މިދާއިރާގެ ހުރިހާ މުވައްޒަފުންނާއި މި ޞިނާޢާއަތް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރައްވާ ހުރިހާ ޖަމްޢިއްޔާތައް ވެސް ޝާމިލުކޮށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގައި ފަތުރުވެރިކަން އުފަން ކުރެއްވުމުގައި، އަދި ފަތުރުވެރިކަން ތަރައްޤީކުރެއްވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތް ފާހަގަކުރައްވައި ޖުމްލަކޮށް ފަތުރުވެރިކަން ތަރައްޤީކުރަން މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އިޤްތިޞާދީ ގޮތުން މިއަދު ރާއްޖެ ފޯރާފައިވާ އައްސޭރިއަށް، މި ޤައުމާއިގެން ދިވެހިންނަށް އާދެވުނީ، އެ ބޭފުޅުން އެދުވަހު ކެރިވަޑައިގެން އެބޭފުޅުންނަށް ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލެއްވުމުން ކަމަށެވެ.
އެހެންކަމުން "ތަކުރާރުކޮށް އެ ވާހަކަ ދެކެވުނަސް، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްކަމުގައި ދެކެނީ، އެ ބޭފުޅުންގެ އެ މަސައްކަތަށް ޝުކުރު ދެންނެވުން" ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހިމެނިވަޑައިގަންނަވާހެން 77 ބޭފުޅަކަށް "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ޙަވާލުކޮށްދެއްވާފަ އެވެ. އަދި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާއަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑޮކްޓަރ ޢަބްދުﷲ މައުޞޫމް ވަނީ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފަ އެވެ.

ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ އަކީ ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ރަސްމީކޮށް ބާއްވާ އެންމެ ފަހު ޙަފްލާ އެވެ. މި ޙަފްލާގެ ބޭނުމަކީ ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމުގައި ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި، އެކި ރޮނގުރޮނގުން މަސައްކަތްކުރެއްވި ބޭފުޅުންގެ މަސައްކަތް ފާހަގަކޮށް، އެ ބޭފުޅުންގެ އަގު ވަޒަންކުރުމެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ދައުލަތުގެ އިސްވެރިންނާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބާނީންނާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.






