Close

އިންޓަރނެޓާއި ޓެކްނޯލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމުގައި ވަކި ޢުމުރުފުރައެއް ނެތް: ނައިބު ރައީސް

ސައިބަރ ސޭފް މޯލްޑިވްސް، ޤައުމީ ކެމްޕޭން ވެގެންދާނީ، ރައްކާތެރިކަމާއިއެކު އިންޓަރނެޓާއި، ޓެކްނޯލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމުގައި އެޅޭ ބިންގަލަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޯލޮޖީ ގުޅިގެން ހިންގާ، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެވެއަރނަސް މަންތް 2022" ޕްރޮގްރާމްތައް އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތްތަކަކީ، ލަސްނުވެ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ.

ރަނގަޅަށް ޕްލޭން ކުރެވިގެން ރޭވިގެން އެކަމެއް ކުރަންޖެހޭ ވަގުތުގައި ނުކުރެވިއްޖެ ނަމަ ކުރަންޖެހޭ ޚަރަދާއި ކުރިމަތިލާންޖެހޭ ގެއްލުމާއި، އަދި ކުޑަކުދިންނަށް އިންޓަރނެޓްގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ ހިތަށް ގެންނަންވެސް ދަތިކަންތައް ތަކެއް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވިގޮތުގައި، އިންޓަރނެޓާއި، ޓެކްނޯލޮޖީގެ ވަޞީލަތްތަކަކީ އެއާއި ނުލައި މިއަދު އަޅުގަނޑުމެންނަށް ދިރިއުޅެވެން ނެތް އެއްޗެއްކަމަށެވެ. މިގޮތުން، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ވަޞީލަތްތަކުގެ މުހިއްމުކަން ކޯވިޑް-19ގެ ޙާލަތުގައި އަޅުގަނޑުމެން ތަޖުރިބާކުރި ކަންކަމުން އެނގިގެން ގޮސްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، އިންޓަރނެޓްގެ ތެރެއިން، އިޖުތިމާޢީ އެކި މަންސަތަކުގައި މީހުންނަށް ކުރިމަތިވާ ނުރައްކާތަކާއި ގެއްލުންތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމުގައި، ވަކި ޢުމުރުފުރައެއް ނެތްކަން ފާހަގަކުރައްވައި، އިންޓަރނެޓާއި ޓެކްނޯލޮޖީގެ ސަބަބުން ކުޑަކުދިންނަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ރައްކާތެރި ކުރުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ގޮތް ބާވަތް ނޭނގޭ ކަންކަމުގެ ތެރެއަށް ކުޑަކުދިން ދޫކޮށްލެވުމަކީ، އެކަމުގެ ސަބަބުން އިޢާދަ ނުކުރެވޭނެ ގެއްލުންތައް ލިބިގެންދާނެ ކަންކަން ކަމަށެވެ.

ސައިބަރ ސޭފް މޯލްޑިވްސް އިނީޝިއޭޓިވްގެ ދަށުން ހިންގޭ މި ޙަރަކާތްތަކަކީ ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކެކެވެ. މި ޙަރަކާތްތަކުގެ ތެރެއިން، މަޢުލޫމާތު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި، ހިމެނެނީ 'އިންޓަރނެޓްގެ ރައްކާތެރިކަން ކުޑަކުދިންނަށް' މި ދާއިރާއާއި، 'ފިޝިންގ އަދި އަމިއްލަ ރައްކާތެރިކަން' މި ދާއިރާއާއި، 'ރެންސަމް ވެއަރ އާއި މަލްވެއަރ އިން ރައްކާތެރިވުން' މި ދާއިރާ އަދި، 'އީ-ކޮމަރސްގެ ރައްކާތެރިކަން' ހިމެނޭހެން ހަތަރު ދާއިރާއެކެވެ.

ސައިބަރ ސޭފް މޯލްޑިވްސް ކެމްޕޭންގެ ފުރަތަމަ ކަމެއްގެ ގޮތުން ކުރިޔަށް ގެންދާނީ، މި އޮކްޓޫބަރު މަހަށް ބަހާލައިގެން ކުރިޔަަށް ގެންދާ ޙަރަކާތްތަކެކެވެ. މިގޮތުން، މި މަހުގެ ތެރޭގައި ޖުމްލަ 28 ޙަރަކާތެއް ހިންގާއިރު، އޭގެ ތެރޭގައި، 7 ޓްރެއިނިންގ ޕްރޮގްރާމަކާއި، 3 ޕެނަލް ޑިސްކަޝަނަކާއި، ހޭލުންތެރި ކުރުވުމުގެ 16 ސެޝަނެއްވެސް ހިމެނެ އެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހަކީ، މިހާރު ބައިނަލްއަޤުވާމީ ގޮތުންވެސް އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ.

އިންޓަރނެޓްގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައި ވަނީ 2004 ވަަނަ އަހަރު އެމެރިކާގަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top