އައްޑޫ ސިޓީގެ ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރަން ބީލަމަށް ލައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިއީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށާއި އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި ޕެސެންޖަރ ޓަރމިނަލް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަޞީލަތްތަކާއި އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނެއް ވެސް ޤާއިމުކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި އެއަރޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާރގޯ ވަޞީލަތްތައް ވެސް ތަރައްޤީ ކުރާނެ އެވެ.
މި މަޝްރޫއުގައި އެއަރޕޯޓުގެ މަގުތައް ތަރައްޤީކުރެވި ޕާރކިންގ ސަރަޙައްދެއް ހަދައި އެއަރޕޯޓް ތަރައްޤީކުރުމާ ގުޅޭ އެހެނިހެން ގިނަ ކަންތައްތަކެއް މި މަޝްރޫޢުގެ ދަށުން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެ އެއަރޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދު، އެ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ކެޕޭސިޓީ އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމީ ދެކުނުގެ ތަރައްޤީއަށް ނުހަނު މުހިއްމު ކަމެއް ކަމަށެވެ.
އެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ތަރައްޤީކޮށް، ދެކުނުގައި އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ މުހިއްމު ދައުރެއް އަދާ ކުރާނެ މަޝްރޫޢެއް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވި އެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.






