100 މީޓަރަށް ދުވުމުގެ ރެކޯޑު އޮތީ 13 ނުވަތަ 14 ސިކުންތު ބާރު މިނުގައި ދުވެގެންނެވެ.
އެ ރެކޯޑު މުގުރާލުމަށް އެތްލީޓުން ކޮންމެ ދުވަހަކު ބުރަ މަސައްކަތް ކުރަމުން ދަނިކޮށް ބަޔަކު ހެދި ރޮބޮޓެއް މިވަނީ 100 މީޓަރު ދުވުމުން ދުނިޔޭގެ ރެކޯޑު މުގުރާލާފައި އެވެ.
ރޮބޮޓު ރެކޯޑު ހެދީ 24.73 ސިކުންތު ބާރުމިނުގައި ދުވެގެންނެވެ. ކެސީ ކިޔާ އެ ރޮބޮޓުގައި އިންނަނީ އުނަގަނޑަކާއި ދެ ފައި އެކަންޏެވެ. އެއީ ދުނިޔޭގެ ފުރަތަމަ ދުވުމުގެ ގާބިލްކަން ލިބިފައިވާ ރޮބޮޓުވެސް މެ އެވެ.
މި ރޮބޯޓު ހެދީ އެމެރިކާގެ ޔުނިވާސިޓީއެއް ކަމަށްވާ އޮކްލަހޮމާ ސްޓޭޓް ޔުނިވާސިޓީގެ ރޮބޮޓިކްސް އެންޑް ކޮމްޕިއުޓާ ސައިންސްގެ މެކޭނިކަލް އިންޖިނުއަރުންގެ ޓީމަކުންނެވެ.
މި ޓީމުގައި އިސްކޮށް އުޅުނު އަދި މިހާރު އެ ޔުނިވާސިޓީން ކިޔަވާ ނިމިފައިވާ ޑެވިން ކްރޯލޭ ބުނެފައިވާ ގޮތުގައި އެ ރޮބޯޓު ބޭނުން ކޮށްގެން ދުނިޔޭގެ ރެކޯޑެއް ހަދަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެ މަސައްކަތުގެ ތެރެއިން 2021 ވަނަ އަހަރު 53 މިނެޓު 5 ކިލޯ މީޓަރަށް ދުވެފައިިވާ ކަމަށެވެ.
އެ ރޮބޮޓު ހަދާފައިވަނީ އިންސާނުންގެ އަމަލުތަކާއި ކޮންޓްރޯލް ކުރުމުގެ އާދަ ނަގައިގަނެވޭ ގޮތަށެވެ. މިއީ އެ ޓީމަށްވެސް ކުރެވުނު މިފަދަ ފުރަތަމަ ތަޖުރިބާ އާއި އާ ހޯދުންތަކެކެވެ. ޑެވިން ބުނީ ކަންކަން ކޮންޓްރޯލް ކުރުމުގެ އާދަ ރޮބޮޓެއްގައި ހިމެނުމަކީ މި ދާއިރާގެ މުސްތަގުބަލަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އިންޖިނިއަރިން ޓީމުން ބުނީ ކެސީ ދުވަން ދަސްކޮށް ޓްރެއިން ކުރަން މާ ގިނަ ދުވަސް ނުނަގާ ކަމަށެވެ. އެމީހުން ބުނީ އެހާ ފަސޭހައިން ދުނިޔޭގެ ރެކޯޑު ހެދުމަށް ރޮބޮޓެއް ތައްޔާރު ކުރެވުނީ ކޮމްޕިއުޓަރު ޓެކްނިކްތަކުގެ މޮޅު ކަމުން ކަމަށެވެ.






