މިދިޔަ މަހު ބާޒާރަށް ނެރުނު އެޕަލްގެ އާ އުފެއްދުން ކަމަށްވާ އައިފޯން 14ގެ ތަފާތު އާ ފީޗާސްތައް ހިމަނާފައިވާއިރު އޭގެ ތެރެއިން ބައެއް ފީޗާތައް އާންމު އުނދަގުލެއްގެ ގޮތުގައި މީހުން ސިފަ ކުރަން ފަށައިފި އެވެ.
އޭގެ ތެރެއިން އެއް ފީޗާއަކީ ކްރޭޝް ޑިޓެކްޓަރެވެ. މި ޑިޓެކްޓަރު އައިފޯން 14ގެ އިތުރުން ފަހުގެ އައި ވޮޗްގައިވެސް ވަނީ ހިމަނާފަ އެވެ.
މި ފީޗާގައި ފޯނު ގެންގުޅޭ މީހަކަށް ކާރު އެކްސިޑެންޓެއް ދިމާވެއްޖެ ކަން އެނގޭ ހާލަތެއްގައި ސްކްރީން އެލާޓުވާނެ އެވެ. އަދި 20 ސިކުންތެރޭގައި އެ އެލާޓު އޮފް ނުކޮށްލައިފި ނަމަ އެމަޖެންސީ ނަމްބަރު 911 އަށް ގުޅޭނެ އެވެ. އަދި އެމީހަކު ހުރި ތަނެއް ކަމާ ބެހޭ އިދާރާތަކަށް ލޮކޭޓު ކޮށްދެ އެވެ.
މި ފީޗާގެ އުނދަގޫ ބޮޑުވެގެން އެވާހަކަ ހިއްސާ ކުރީ އެމެރިކާގެ އެމިއުޒްމެންޓް ޕާކުތަކުންނެވެ. ދި ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެޕަލްގެ ފަހުގެ އުފެއްދުންތައް ބޭނުން ކުރާ މީހުން އެމިއުޒްމެންޓް ޕާކުތަކަށް ގޮސް ރޮލާކޯސްޓާއަށް އެރުމުން ކާރު އެކްސިޑެންޓު އެލާމް އަޅައެވެ.
މީހުން މާބޮޑު ސަމާލުކަމެއް އެ އެލާމަށް ނުދޭތީ މިހާރު އެފަދަ ޕާކުތަކުން ގިނަ އަދަދެއްގެ ކޯލު އެމަޖެންސީ ކޯލްގެ ގޮތުގައި 911 އަށް ދެއެވެ. އަދި އެއީ އަސްލު އެކްސިޑެންޓެއް ކަމަށް ބަލައި ވަރަށް އަވަހަށް އެ ސަރަހައްދުގެ ފުލުހުން އެފަދަ ޕާކުތަކަށް ގޮސްފައި އެބަހުރި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އެ ނޫހުން ބެލި ބެލުމުން އެނގުނު ގޮތުގައި އައިފޯނު 14 ބޭނުން ކުރަން ފެށިފަހުން މިހާތަނަށް ހަ ކޯލު އެއް އެމިއުޒްމެންޓް ޕާކަކުން ގޮސްފައިވެ އެވެ. އަދި އެހެން ޕާކުތަކުންވެސް ހަމަ މިއަދަދަށް ކޯލު ގޮސްފައިވާ ކަމަށެވެ.
އެ ކޯލަކީ މީހަކު އެހީއަށް އެދިގެން ކުރާ ކޯލެއްކަން ޔަގީން ވަނީ އެމަޖެންސީ ނަމްބަރަށް ގުޅުމާއި އެކު އޮޓޯއިން ކިޔާ މެސެޖު އިވެމުންދާއިރު ފަހަތުން މީހަކު ހަޅޭއްލަވާ އަޑު އިވޭތީ ކަމަށް އެ ނޫހުގެ ރިޕޯޓަރަކު ބުނެފައިވެ އެވެ. ހަމަ އެގޮތަށް އެޕަލްގެ އެ ފީޗާއަކީ އިތުބާރު ކުރެވޭ ފީޗާއެއް ނޫން ކަމަށްވެސް ރިޕޯޓަރު ބުނެފައިވެ އެވެ.
އޭނާ ވަނީ އެލާޓު 911 ށް ދޭތޯ ބަލަން ފޭކު އެކްސިޑެންޓެއް ވާގޮތް ހަދާފަ އެވެ. އެކަމަކު ވަގުތުން އެ އެލާޓު ގޮސްފައި ނުވާ ކަމަށް ބުންޏެވެ.
އެޕަލްގެ އާ އުފެއްދުންތައް ހިފައިގެން އެމިއުޒްމެންޓު ޕާކަށް ދިއުމަކީ ރަނގަޅު ކަމަށް ނުވިޔަސް އާންމުކޮށް މީހުން ތާށިވާ ރޯލާކޯސްޓާފަދަ ނުވަތަ ކޭބަލް ކާރުތަކަށް އަރާއިރު އައިފޯން ފަދަ އެއްޗެހި ގެންގުޅުމުން ފައިދާވެސް ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ.






