Close

ކޮވިޑަށްފަހު ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުން: ފިނޭންސް މިނިސްޓަރ

ކޯވިޑަށް ފަހުގައި ރާއްޖޭގެ އިޤުތިޞާދު ރަނގަޅުވެ، ދައުލަތަށް ލިބޭ އާމްދަނީ އަންނަނީ އިތުރުވަމުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ސަރުކާރުގެ މުހިންމު މަޢުލޫމާތުތައް ހާމަކުރެއްވުމަށް ސިލްސިލާކޮށް ކުރިޔަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުގެ ތެރެއިން ނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވާހަކަދއްކަވާފައިވަނީ ރާއްޖޭގެ މާލީ ޙާލަތާއި ގުޅޭ ގޮތުން ނެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ކުރިން އަންދާޒާކުރެވުނު ވަރަށް ވުރެވެސް އަންނަނީ ރަނގަޅު ވަމުން ކަމަށާއި ރާއްޖޭގެ ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރި ޙާލަތު ނެތް ކަމަށެވެ.

ދައުލަތުގެ ދަރަނި މެނޭޖް ކުރުމަށާއި ލޯނުތައް އަނބުރާ ދެއްކުމާއި ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައިވާއިރު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި މެދު ދުނިޔޭގެ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ވެސް މިނިސްޓަރ އަމީރު ވަނީ އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން ފިޗްއިން ނެރުނު ރޭޓިންގ އައުޓްކަމް ރިޕޯޓުގައި، ރާއްޖޭގެ ރޭޓިން އެއް ހަމައެއްގައި ހިފަހައްޓާފައިކަން ފާހަގަކުރެއްވި އެވެ.

އެހެންކަމުން ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްކުރުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި އެއްގޮތަށް ނަތީޖާ ހާސިލް ކުރެވެމުންދާ ކަމަށާއި 2023 ވަނަ އަހަރު ނިޔަލަށް ހިލޭ އެހީ އާއި ނުލައި ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުން ވެސް ހިމެނޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށައެޅުމަށް މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ އަމީރު ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އަދަދަކީ، ކުރިންވެސް އަންދާޒާކޮށްފައިވާ އަދަދުކަމުގައި ހެއްދެވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި މިނިސްޓަރ އަމީރު ވަނީ ރާއްޖޭގެ އިޤުތިޞާދީ ޙާލަތުގެ މައްޗަށް ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top