ޗާޖަރާއި ނުލައި އައިފޯން ވިއްކާތީ ބްރެޒިލް ކޯޓަކުން އެޕަލް ކުންފުނި ޖޫރިމަނާ ކޮށްފި އެވެ.
ބްރެޒިލްގެ ކޮންސިއުމާ އެސޯސިއޭޝަނުން އެ މައްސަލަ ވެއްދީ އެ ގައުމުގެ ސިޓީއެއް ކަމަށްވާ ސޯ ޕައުލޯގެ ސިވިލް ކޯޓަށެވެ. އެ ކޯޓުން އެޕަލް ކުންފުނި ޖޫރިމަނާ ކުރީ 19 މިލިއަން އެމެރިކާ ޑޮލަރުންނެވެ.
މައްސަލަ ބެލުމަށް ފަހު އެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޗާޖަރު ނުލައި ފޯނު ވިއްކުމަކީ ނުހައްގު ފައިދާއެއް ނެގުން ފަދަ އަމަލެއް ކަމަށެވެ. އަދި އޭގެ ސަބަބުން އައިފޯނު ގަންނަ ކަސްޓަމަރުން ބޭނުން ނުވި ނަމަވެސް އިތުރު އެއްޗެއް ގަންނަން މަޖުބޫރުވާ ކަމަށެވެ.
މި މައްސަލައިގަ އެޕަލްއިން ބުނީ އައިފޯނާއި އެކު ޗާޖަރު ހިމެނުން ހުއްޓާލީ އިލެކްޓްރޯނިކް ވޭސްޓް އިތުރުވުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށެވެ.
ކޯޓު ހުކުމުގައި ބުނެފައިވަނީ އެޕަލްގެ މަގްސަދާއި ވިސްނުން ރަނގަޅު ނަމަވެސް ޗާޖަރު ނުލަ އާއި ޗާޖަރު ހިމެނޭ ގޮތަށް ފޯނު ގަތުމުގެ އިހްތިޔާރު ކަސްޓަމަރުންނަށް އޮންނަން ޖެހޭނެ ކަމަށެވެ. ހުކުމުގައި ވަނީ މިދިޔަ ދެ އަހަރު ބްރެޒިލްގައި އައިފޯން 12 އާއި 13 ގަތް ހުރިހާ އެންމެންނަން ޗާޖަރު ފޯރުކޮށްދިނުމަށް އަމުރު ކޮށްފައި އެވެ.
ބްރެޒިލް ކޯޓަކުން މިފަދަ ހުކުމެއް ކޮށްފައިވާއިރު މިދިޔަ ސެޕްޓެމްބަރު މަހު އެ ގައުމުގެ ޖަސްޓިސް މިނިސްޓްރީން ވަނީ ހަމަ މި މައްސަލައިގަ 2.5 މިލިއަން ޑޮލަރުން އެޕަލް ކުންފުނި ޖޫރިމަނާ ކޮށްފައި އެވެ.
ޗާޖަރު މައްސަލައިގަ އެޕަލް ކުންފުންޏަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވުން އަދި ކުރިޔަށް އޮތީ އެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ އަންނަ އަހަރުން ފެށިގެން އީޔޫގެ ގައުމުތަކުގައި ސީޕޯޓު ޗާޖަރު އެކަނި ބޭނުން ކުރެވޭ ގޮތަށް ގާނޫނެއް ފާސްކޮށްފައި އެވެ.
އެ ނިންމުމާއި އެކު އެޕަލްގެ ފޯނުތައް ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރުން ހުއްޓާލުން ނުވަތަ އެހެން ގޮތެއް ހޯދުން ނޫން ގޮތެއް ނޯންނާނެ އެވެ.







