ވަކިފަރުދުންނަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ލޯނު 2 މިލިއަން ރުފިޔާއަށް ބޮޑުކޮށްދެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ބައިނަލްއަޤުވާމީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ ކާށިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިގޮތަށް ބޮޑުކޮށްދެއްވީ ދަނޑުވެރިކަން ކުރުމުގައި ހުރި ދަތިތަކާއި ދަނޑުވެރިންގެ ޝަކުވާތައް ސަރުކާރުން އަޑުއެހުމަށްފަހުގައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދަނޑުވެރިކަން ކުރުމުގައި މިއަދު އޮތް ދަތިކަމަކީ، ބިމުގެ ދަތިކަމާއި ފައިސާގެ ދަތިކަން ކަމަށެވެ. އަދި މިއަދު ޤާނޫނުތަކަށް ގެނެވިފައި ހުރި ބަދަލުތަކުން ލާމަރުކަޒީ ނިޒާމްގެ ދަށުން، ރަށްރަށުގެ ބިން ދޫކުރުމުގެ އިޚްތިޔާރާއި ބާރު އޮންނަނީ ކައުންސިލްތަކަށް ކަމަށެވެ.
އެހެންކަމުން ދަނޑުވެރިކަން ކުރަންބޭނުންވާ ފަރާތްތަކަށް ކައުންސިލްތަކުން ދިގުމުއްދަތަކަށް، ބިންދީ ރަނގަޅު އިންވެސްޓްމެންޓެއް ކުރެވޭ ގޮތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ފަހިކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެހެން ސިނާޢަތްތަކެކޭ އެއްގޮތަށް ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ވެސް ކުރަން އޮތް މަސައްކަތަކީ މިކަމުގެ ތެރެއަށް ސަރުކާރުން ނުވަދެ، މިދާއިރާއިން އިންވެސްޓްކުރަން ތިބި ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދީ މެދުވެރިއެއްގެ ރޯލު އަދާކުރުން ކަމަށެވެ.
ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގައި ފަސޭހައިން އުފެއްދެން ހުރި އުފެއްދުންތައް އުފައްދައި މާކެޓަށް ނެރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި ރާއްޖޭގައި ހެއްދޭނެ 17 ބާވަތެއް ފާހަގަކޮށް، އެބާވަތްތައް ހައްދާ ފަރާތްތަކުގެ ހުރިހާ އުފެއްދުންތައް އެގްރޯ ކުންފުންޏަށް ގަނެ މާކެޓްކޮށްދޭނެ ކަމުގެ ޔަޤީންކަން އެފަރާތްތަކަށް ދެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި އުފެއްދޭ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުމުގައި ނަގާ ޑިއުޓީ ބޮޑުކުރަންޖެހޭކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުން ގައިންގަޔަށް ނާރާބަލިތައް އިތުރުވުމުގައި، ބޭނުންކުރެވޭ ކާނާ އެއީ ސަބަބަކަށް ވެދާނެކަން ފާހަގަކުރައްވައި އޯގަނިކް ފަރމިންގެ މުހިއްމުކަމުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.
މިގޮތުން ކުރިއަރާފައިވާ ޤައުމުތަކުން މިހާރު ބަދަލުވަމުން ދަނީ، އޯގަނިކް ފަރމިންއަށް ކަމަށާއި ރާއްޖޭގެ ދަނޑުވެރިކަން ކުރާ ފަރާތްތަކުން ވެސް މިކަމާއި ދޭތެރޭގައި ވިސްނުން ގެންގުޅުމަކީ މުހިއްމުކަމެއް ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ކުއްލިއަކަށް މުޅިން އޯގަނިކް ފަރމިންއަށް ބަދަލުވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި ކުއްލިއަކަށް އޯގަނިކް ފަރމިންއަށް ބަދަލުވުމަށް ސްރީލަންކާއިން އެޅި ފިޔަވަޅާއި އެކު އެޤައުމުގެ އިޤުތިޞާދަށާއި ދަނޑުވެރިކަމަށް ވެގެން ދިޔަ ގޮތުން ވަނީ މިސާލު ނަންގަވާފަ އެވެ.

ކާށިދޫއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަތާ ޒަމާންތަކެއް ވީ ރަށެއް ނަމަވެސް، ކާށިދޫގައި ޤައުމީ ފެންވަރުގައި މިފަދަ ދުވަހެއް މީގެ ކުރިން ފާހަގަކޮށްފައި ނެތްކަމުގައި ވިދާޅުވި އެވެ. އަދި ކާށިދޫގައި ދަނޑުވެރިކަން ކުރުމަށާއި ދަނޑުވެރިންނަށް އޮތް ގޮންޖެހުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވި އެވެ.
މިޖަލްސާގައި ވަނީ، ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރައްވަމުންގެންދަވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން 9 ފަރާތަކަށް ހަނދާނީފިލާ ދެއްވާފަ އެވެ. އެފަރާތްތަކަށް ހަނދާނީފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މީގެ އިތުރުން ޖަލްސާއަށް ފަހުގައި އޮތް، ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޚާއްޞަ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި އެވެ.






