Close

ފ. މަގޫދޫގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

ފ. މަގޫދޫގައި ތަރައްޤީކުރާ އެއަރޕޯޓުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ސަރުކާރުން ތަރައްގީ ކުރައްވާ މި އެއަރޕޯޓުގެ މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރާގޮތަށެވެ.

މި މަސައްކަތު އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.

މި އެއަރޕޯޓު ތަރައްގީކުރުމަށް ނިންމާފައިވަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގަ އެވެ.

މި މަޝްރޫޢުގެ ދަށުން 1500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭ އަކާއި ޓެކްސީވޭ އޭޕްރަން އަދި ފަޔަރޕެޑް އެއް ހެދުމަށް ވަނީ ނިންމާފަ އެވެ. އަދި ޕަސެންޖަރ ޓަރމިނަލްއަކާއި ކޮންޓްރޯލް ޓަވަރާއެކު ފަޔަރ ސްޓޭޝަން ތަރައްޤީކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ސަލާމަތީ ވަސީލަތްތައް ޤާއިމުކުރުމާއި، ފެންސް ޖެހުމާއި، ގޭޓް ހަރުކުރުމާއި ސެކިއުރިޓީ ޗެކްޕޯސްޓް ހެދުން ވެސް ހިމެނޭއިރު، ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، މެޓް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން ވެސް ހިމެނެ އެވެ. އަދި ގްރައުންޑް ހޭންޑްލިންގ އިކުއިޕްމަންޓްތައް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ އާ އެވެ.

މި މަޝްރޫޢަށް ގާތްގަނޑަކަށް 231.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ހައުސިންގ މިނިސްޓްރީން ލަފާކުރައްވާފައިވާއިރު، މި މަޝްރޫޢު ނިންމުމަށް އެމް.ޓީ.ސީ.ސީއަށް ދީފައިވަނީ 550 ދުވަހުގެ މުއްދަތެކެވެ.

އެރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެން މަގޫދޫ އެއަރޕޯޓް ތަރައްޤީކުރަން ނިންމާފައިވާއިރު، ސިނާޢީ މަސައްކަތްތަކަށާއި އިޖްތިމާޢީ ބޭނުންތަކަށް ރަށަށް އިތުރުކުރެވޭ ޖާގަޔާއެކު ޖުމްލަ 48 ހެކްޓަރުގެ ބިން އެމް.ޓީ.ސީ.ސީން ހިއްކާ، 3300 އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ޙިމާޔަތްކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top