ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއަކީ ބުރަ މަސައްކަތުން ފައިސާ ހޯއްދަވަމުން ގެންދަވާ ރައްޔިތުންގެ މަދަދުވެރިއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު ވިދާޅުވެއްޖެ އެވެ.
ސައުދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ގުޅުވައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ދެއްކެވި ވާހަކަތަކަށް ދެއްވި ރައްދުގަ އެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވެފައިވަނީ ޤާސިމަކީ ދިވެހި ރައްޔިތުންގެ ފައިސާގައި ވިޔަފާރިކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އަދި އެއީ މާބޮޑު ވިޔަފާރިވެރިއެއް ނޫން ކަމަށެވެ.
މިކަމަށް ރައްދުދއއްވައި ސައުދު ވިދާޅުވީ ޤާސިމަކީ ބުރަ މަސައްކަތުން ފައިސާ ހޯއްދަވަމުން ގެންދަވާ ރައްޔިތުންގެ މަދަދުވެރިއެއްކަން އަދުރޭއަށް ވެސް ޔަޤީން ކުރެއްވޭނެ ކަމަށެެވެ.
މީގެ އިތުރުން ރައީސް ޔާމީން ކައިރީ ތިމާގެ ރޭޓިންގ އަރުވަން އުޅުނަސް ބޮޑުވަރު ކަމަށް ވިދާޅުވެ، އަމިއްލަ ނަފުސަށް އޮޅުވައިލައްވައިގެން ފިތުނައިގެ ބަހެއް ނޫނީ ދުލުން ބޭރު ނުކުރެއްވެނީތޯ ވެސް ސަޢުދު ވަނީ ސުވާލު ކުރައްވާފަ އެވެ.
އަދުރޭގެ މި ވާހަކަތަކާއި ގުޅިގެން ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވެސް ވަނީ އަދުރޭ އަށް ރައްދު ދެއްވާފަ އެވެ.
އެގޮތުން ގާސިމް އިބްރާހިމް އަކީ ވައްކަމާއި ކޮރަޕްޝަންގެ ތެރެއިން މުއްސަނދިވީ ބޭފުޅެއް ނޫން ކަމަށާއި ބައެއް ބޭފުޅުންގެ ސިޔާސީ މަސައްކަތަކީ ޕާޓީގެ ރައީސް ރުއްސަން އެހެން ބޭފުޅުންގެ އަގު ވައްޓާލައި، ކަރާމަތް ނަގާލާ ދޮގު ނުވަތަ ހަޑިހުތުރު ބަސްތައް ގޮވުން ކަމަށް ވެސް އަމީން ވިދާޅުވި އެވެ.






