މަސްތުވާތަކެތީގެ ބޮޑެއްކަމަށް ފުލުހުން ތުހުމަތުކުރާ ގދ.ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކުރަން ހައިކޯޓުން ނެރުނު އަމުރަކީ ގޯސް އަމުރެއް ކަމަށް ސްޕްރީމް ކޯޓުން ނިންމައިފި އެވެ.
އަރުޝަދުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ކުރިއަށްގެންދެވިއިރު، އިސް ފަނޑިޔާރަކީ ފަނޑިޔާރު މަހާޒު ޒާހިރެވެ. މައްސަލައިގައި މަހާޒުގެ ރައުޔަށް ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަޑާލް ވަނީ ތާއީދު ކުރައްވާފަ އެވެ.
ޖިނާއީ އިޖުރާތު ޤާނޫނާއި، ޝަރީއަތް ކުރުމުގެ ގަވާއިދުގެ ދަށުން ކަންކަން ހަމަޖެހިފައިވާ އިޖުރާއަތުގެ ބޭރުން މިމައްސަލާގައި އަމަލުކޮށްފައިވާކަން އެގެން ހުރިކަމަށް ސްޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވެފައި ވެއެވެ.
އަރުޝަރު ބަންދު ކުރުމަށް ހައިކޯޓުން ނެރުނު އަމުރުގައި ހާޒިރުވާންޖެހޭ ގަޑިއެއްވެސް ބަޔާންކޮށްފައެއް ނެތް ކަމަށާއި ޝަރީއަތް ކުރުމުގެ ގަވާއިދުގައި ކޯޓަށް މީހަކު ހާޒިރުކުރާނަމަ އަންގާ ލިޔުމުގައި ހާޒިރުވާންޖެހޭ ގަޑިއާއި ހާޒިރުވާންޖެހޭ ސަބަބު ބަޔާން ކުރަން ޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ކޯޓުން ނިންމާ ނިންމުންތަކަކީ މައްސަލަ ބަލާ ފަނޑީޔާރުންގެ އޮނަހިރި އަދަދަކުން ނިންމާ ނިންމުމަކަށްވާންޖެހޭ އިރު މިމައްސަލާގައި ނެރެފައިވާ އަމުރުގައި ސޮއިކުރައްވާފައިވަނީ އެންމެ ފަނޑިޔާރެއްކަން ވެސް ސްޕްރީމް ކޯޓުން ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ސްޕްރީމް ކޯޓުން ވަނީ މިމައްސަލާގައި އަރުޝަދު ބަންދު ކުރުމަށް ނެރެފައިވަނީ އަމުރަކީ ޖިނާއީ އިޖުރާތު ޤާނޫނާއި ޚިލާފަށް ނެރުނު އަމުރެއްކަމަށް ނިންމާފަ އެވެ.
އަރުޝަދު އެން،މެ ފުތަމަ ހައްޔަރުކޮށްފައިވަނީ، ސްރީލަންކާއިން ދުބާއީއަށް ދިއުމުން، ދުބާއީއަށް އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުން ނެވެ.
އޭނާ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ ދޫކޮށް ދިޔައީ، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވެ އޭނާ ދޫކޮށްލުމުން ނެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މާލެއާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސް މީހަކީވެސް އަރުޝަދުކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ނަމަވެސް އޭރު އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ހައްޔަރެއް ނުކުރެވެ އެވެ.






