އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެ ކައުންސިލުން ވަނީ ވޭތުވެދިޔަ ދިގު ތާރީޚްގައި މާޅޮހުގައި ދުވަހަކު ވެސް ނުހިންގާވަރަށް މިވަގުތު އެ ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަމުގައިފާހަގަކުރައްވާ އެކަމަށްޓަކައި މާޅޮހުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފަ އެވެ.
އެރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ރަށުގައި މިހާރު ދެމުންދާ ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރަން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ. އަދި ޒަމާނީ މިސްކިތެއް ތަރައްޤީކުރުމަށް ބޭނުންވާ ކަމަށާއި، ލޯކަލް ޓޫރިޒަމް ކުރިއަށްގެންދިއުމަށާއި ރަށުގެ އާންމު ރައްޔިތުން ބޭނުންކުރުމަށް ބީޗެއް ބޭނުންވާކަމުގައި ކައުންސިލުންވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ އިތުރުންވެސް ލޯކަލް ޓޫރިޒަމް ހިންގުމަށް ހުރި ގޮންޖެހުންތަކާއި ރަށުގެ ކުނި މެނޭޖުކުރުމަށް މިހާރު ބޭނުންކުރާ ވެހިކަލްއަށް މައްސަލަޖެހުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ރަށުގައި ފަންނީ ބޭފުޅުން ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި އެފަދަ ބޭފުޅުން ތަމްރީނުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި މާޅޮހުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާފަ އެވެ. އަދި އއ. މަތިވެރި ދާއިރާއަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާއި މަތިވެރި ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މާޅޮހު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާއި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކައުންސިލްގެ ބައްދަލުވުމުން ރަށަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ސަރުކާރަށް ފަސޭހަވެގެންދާކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މާޅޮހަށް މީގެކުރިން ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ ޢަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަން ވަނީ ކައުންސިލުން ފާހަގަކުރައްވާފަ އެވެ.






