އާންމުންގެ އަތުން ނަގާ ޖީއެސްޓީއާއި، ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީ ބޮޑުކުރުމަށް، ސަރުކާރުގެ ފަރާތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ފޮނުވި އިސްލާހު ކޮމިޓީން ފާސްކޮށްފިއެވެ.
މި އިސްލާހު ފާސްވީި، މުޅި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވިި 70 މެންބަރުންގެ ތެރެއިން 50 މެންބަރުންގެ ވޯޓާއެކުއެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 19 މެންބަރަކު ވޯޓުދިން އިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވީ އެންމެ މެންބަރެކެވެ.
ކޮމިޓީ މަރުހަލާގައި އެ ބިލަށް ޖުމްލަ އަށް އިސްލާހެއް ހުށަހެޅުނެވެ. އެއީ ނައިފަރު ދާއިރާގެ މެންބަރު، އަހްމަދު ޝިޔާމް ހުށަހެޅުއްވި ހަތަރު އިސްލާހަކާއި، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާހެކެވެ. ަޝިޔާމްގެ އިސްލާހުގައި ހުށަހެޅުއްވީ ޓެކްސް އެއްވެސް ވަރަކަށް އިތުރުނުކުރުމަށެވެ. އަދި، އާޒިމްގެ އިސްލާހުގައި ހުށަހެޅުއްވީ ޓީޖީއެސްޓީ މެދު މިންވަރަކަށް އިތުރުކުރުމަށާއި، ޓެކްސް އިތުރުކުރާ ތާރީޚު ފަސްކުރުމަށެވެ. ނަމަވެސް މި އަށް އިސްލާހުވެސް ކޮމިޓީއިން ވަނީ ފާސްނުކޮށް، ބޭރުކޮށްލާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ ޖީއެސްޓީ ހަ އިންސައްތައިން އަށް އިންތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް އިތުރުކުރުމަށެވެ.
އެ ކޮމިޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އިގްތިސާދު ކުރިއަރަމުން އަންނަ މިންވަރު ދަމަހައްޓައި، ސަރުކާރުން ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޓެކްސް ބޮޑުކުރުމަކީ ކޮންމެހެނަކުން މުހިއްމު ކަމެއް ކަމަށެވެ.
ޓެކުހަށް ސަރުކާރުން ގެންނަން ނިންމި ބަދަލާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ބުނެފައިވަނީ، ޓެކްސް ބަދަލަށް ތައްޔާރުވުމުގެ ގޮތުން، މިހާރު ސަރުކާރުން ދީފައިވާ މުއްދަތަށްވުރެ އިތުރަށް ވަގުތުބޭނުންވާ ކަމަށެވެ.






