Close

މުފްތީ މެންކް ފުރާވަޑައިގެންފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ފުރާވަޑައިގެންފި އެވެ.

އަންގާރަދުވަހުގެ ރޭ މުފްތީ މެންކް ފުރާ ވަޑައިގެންނެވިއިރު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަަލީއާއި އަންގާރަ ދުވަހު ވަނީ ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީން ދެއްވި ދައުވަތު ގަބޫލުކުރައްވާ ރާއްޖެއަށް ވަޑައިގެން މާލެއާއި އަތޮޅުތެރޭގައިވެސް ދީނީ ތަޤްރީރުތައް ދެއްވިކަމަށްޓަކައި އުފާކުރައްވާ ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މުފްތީ މެންކް ދަރުސްދެއްވި މައުޟޫޢުތަކަކީ ރާއްޖެއަށް ވަރަށް މުހިއްމު މައުޟޫތަކެއް ކަމަށާއި މުފްތީ މެންކަކީ ދިވެހިންގެ ނުހަނު ލޯތްބާއި އިޚްތިރާމް ލިބިލައްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން މުފްތީ މެންކުގެ މިފަހަރުގެ ދަރުސްތަކުންވެސް ދިވެހިންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އަދި މާ ދުރުނޫން މުސްތަޤުބަލެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާނެ ކަމަށް މިނިސްޓަރ މި ބައްދަލުވުމުގައި ވިދާޅުވި އެވެ.

މެންކުގެ ވާހަަކަފުޅުގައި ރާއްޖެ އައުމަށް ދައުވަތު ދެއްވީތީ ވަރަށް އުފާ ކުރައްވާ ކަމަށާއި އަދި ރާއްޖެ އައުމުން ބެހެއްޓެވި ގާތްކަމާއި މެޙްމާންދާރީއަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ކުރައްވާ މަސައްކަތަށްޓަކައި ޝުކުރުއަދާކުރައްވާ އެމަސައްކަތުގައި ބަރަކާތް ލެއްވުމަށް އެދި ދުޢާކުރެއްވި އެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއާއި ގްރޭޓަރ މާލެ ސަރަހައްދުގައި ވަނީ ތަފާތު މައުޟޫޢުތަކަށް ދަރުސް ދެއްވާފަ އެވެ. މިއިން ކޮންމެ ދަރުހަކަށްވެސް އެތައް ބަޔަކު ހާޒިރުވި އިރު ރޭޑިއޯއާއި ޓީވީ އަދި އޮންލައިންކޮށްވެސް މި ދަރުސްތަކަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top