މިދުވަސްވަރު، މާލޭގެ މަގުތަކުގެ ކާނު މަތިގަނޑު ހަލާކުވުމުގެ މައްސަލަ ބޮޑުވެފައިވަނީ ބޮޑެތި މަގުތަކުގައި ސަރުކާރުން މިނީ ބަހުގެ ހިދުމަތް ފެށުމުން ކަމަށް މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާއި ހަވާލުވެހުންނެވި މެދު ހެންވޭރު ދާއިރާގެ ކައުންސިލަރ އާދަމް ރަމީޒް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ މިނީ ބަސްފަދަ "ހެވީ" ވެހިކަލްތައް ކާނުގަނޑުމަތިން ދުއްވުމުގެ ސަބަބުން ކާނުތަކަށް ގެއްލުން ލިބޭ ކަމަށެވެ.
މީގެ އިތުރުން ބޭނުންވާހާ ހަލުވިކަމާއެކު މާލެ ސިޓީގެ މަގުތަކުގެ ކާނުތަކުގެ މަތިގަނޑުތައް ނުހެދެނީ ބަޖެޓުގެ ދަތިކަމާހުރެ ކަމަށާއި ކައުންސިލަށް ބަޖެޓް ނުލިބޭތާ 3 މަހަށްވުރެ ގިނަދުވަސްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކާނު މަތިގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ވަގުތީގޮތުން ހުއްޓިފައިވަނީ އެކަމަށް ބޭނުންވާ ފައިސާ އާއި ސާމާނު ނެތިގެން ކަމަށާއި އެކަމަށް ބޭނުންވާ ސިމެންތި އާއި ހިލަ އާއި ހިލަވެލި އެ ކައުންސިލުގައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
މާލެ ސިޓީގެ މަގުތަކުގެ ކާނުތަކަކީ އަބަދުވެސް ބަދަލު ކުރާ އެއްޗެއް ކަމަށާއި އެގޮތުން މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރާ މިހާރުގެ ކައުންސިލުން ހަވާލުވީ ފަހުން 300 އަށްވުރެ ގިނަ ކާނު މަތިގަނޑު ވާނީ ބަދަލުކޮށްފައިވާ ކަމަށާއި އެ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ހަލާކުވެފައިހުރި ކާނުތައް ދެނެގަތުމަށް ސާރވޭއެއް ހަދާފައި ކަމަށް ވެސް ރަމީޒު ވިދާޅުވި އެވެ.
އެ ސާވޭއިން ދައްކާގޮތުގައި މިހާރުންމިހާރަށް ވެސް 400 އަށްވުރެ ގިނަ ކާނުގެ މަތިގަނޑު ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުންދަނީ މާލެ އަދި ވިލިމާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތާއި، މަގުތަކުގައި ހުންނަ އެހެނިހެން މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރަމުން ނެވެ.






