ގައުމުތަކުގެ އެއްބާރުލުމާއެކު މެނުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަކީ ނާދިރު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ކޮޕް27ގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގައި ރާއްޖޭގެ ދައުރު ވަރަށް ކުޑަ ކަމަށެވެ.
ޝަރްމުއްޝެއިޚް އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ދުނިޔޭގެ ލީޑަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ވަނީ ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާއި ޔޫރަޕަށް ކުރިމަތިވި ހަނަފަސްކަމާއި އެފްރިކާގެ ބައްރުގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި ކާބޯތަކެތި ލިބުމުގެ ދަތިކަންފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފާއިތުވި މަސްތަކުގައި ދުނިޔެއަށް ކުރި ބައެއް ނޭދެވޭ އަސަރުތަކަށް އަލިއަޅުވާލައްވައިފަ އެވެ.
ކަނޑަކީ ދިވެހިންނަށް ކާނާގެ އިތުރުން އާމްދަނީ ލިބޭ ވަޞީލަތެއްކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ވެސް އަސަރުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން މަސްވެރިކަން ކުރުމަަށް ދިވެހިމަސްވެރިން ކުރަންޖެހޭ ދަތުރު އަހަރަކަަށްވުރެ އަހަރެއް ދިގުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި، ބޯފެން ލިބުން ދަތިވުމާ ގުޅިގެން މީރުފެން އުފެއްދުމަށް ޒަމާނީ ޓެކްނޮލޮޖީއަށް ބަރޯސާވާން ޖެހިފައިވުމާއި، އަވަސް އަވަހަށް މޫސުން ބަދަލުވުމާއި ރާޅުއެރުމާއި ފެންބޮޑުވުން، ފަދަ ކަންކަމުގެ ސަބަބުން މީހުންގެ ގެދޮރާ ދިރިއުޅުމަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތައް ލިބެމުން އަންނަކަން ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ބިނާވެފައިވާ މައިގަނޑު އެއް އަސާސް ކަމުގައިވާ މުރަކައިގެ ފަރުތައް ނާޒުކު ހާލަތެއްގައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނާޒުކުކަމާއި ބެހޭގޮތުން ދުނިޔޭގެ ލީޑަރުންނަށް އިންޒާރުކުރައްވަމުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ދެބައިކުޅަ އެއްބަޔަށް މަދުކޮށް، ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓުމަށް މިހާރު އޮތީ އެންމެ 86 މަސްދުވަސްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ކޮޕް-27 އާ މެދު ރާއްޖެއިން އުއްމީދުކުރާ ކަންކަން ފާހަގަކުރައްވަމުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ އޭގެ އަސަރުތައް ކުޑަކުރުމަށް ކުރިން އެއްބަސްވެފައިވާ ކަންމަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބެއްދުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތަކަށް ޖުމްލަގޮތެއްގައި ޙައްލުތައް ހޯދުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަށް ކަނޑައަޅާފައިވާ އަހަރަކު 100 ބިލިއަން އެމެރިކާ ޑޮލަރުގެ އަމާޒަށް ވާޞިލުވުން ފާހަގަކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރައްވައި ބަދަލުވަމުންދާ ދުނިޔެއަކީ މުސްތަޤްބަލުގައި އެންމެންނަށްވެސް ހަމަޖެހިގެން، ފާގަތި ދިރިއުޅުމެއް އުޅެވޭނެތަނެއްގެ ގޮތުގައި ދަމަހައްޓަންޖެހޭކަން ފާހަގަކުރައްވަމުން ނެވެ.






