ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ކޯޒްވޭ ހެދުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ސްޕަން ޕައިލްތަށް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީ އިން ވިދާޅުވެއްޖެ އެވެ.
އެ ކުންފުނިން މި މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ ސައިޓުގައި މިހާރު ކުރިއަށްދަނީ ބްރިޖް މަސައްކަތަށް ބޭނުންވާ ޝަޓަރިންގ އާއި ބާ ބެންޑިންގގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 9,780 އަކަ މީޓަރުގެ ސރަހައްދެއްގެ ބިން ހިއްކުމާއި، 120 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި 110 މީޓަރުގެ ބްރިޖެއް އެޅުމާއި، 332 މީޓަރުގެ އެޕްރޯޗް ރޯޑެއް ހެދުމަށް ވެސް ނިންމާފައި ވެއެވެ.
މީގެ އިތުރުން ޕޭވިން މަސައްކަތް ކުރުމާއި، މަގުމަތީ ނިޝާނާއި މަގުބައްތި ހަރުކުރުން ހިމެނޭ އިރު، މިއީ 44.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.






