Close

9 ވަނަ "އޯ.އައި.ސީ. ހަލާލް އެކްސްޕޯ" ގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް އަށް!

9 ވަނަ "އޯ.އައި.ސީ. ހަލާލް އެކްސްޕޯ" ގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައުގެންފި އެވެ.

މި ދައުވަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވީ އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސް (އައި.ޔޫ.ޔޫ.) ގެ ރައީސް ޕްރޮފެސަރ ޑރ މުޙައްމަދު ޚައިރް އަލް-ގަބާނީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ރައީސް އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސް ވަނީ އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސާއި އެބޭފުޅާއާއެކު މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

އައި.ޔޫ.ޔޫ. ގެ ރައީސް ޕްރޮފެސަރ އަލް-ގަބާނީ ވަނީ، އެޔޫނިއަންގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ރައީސް އާ ހިއްސާ ކުރައްވާފައިވާއިރު، މިގޮތުން އެޔޫނިއަނުން ބާއްވާފައިވާ ކޮންފަރެންސް ތަކާއި ސެމިނާރތަކުގެ މަޢުލޫމާތު ހިމެނޭ ލުއިފޮތަކާއި، ޢުޘްމާނީ ޚިލާފަތުގެ ޒަމާނުން ފެށިގެން ބޭސްވެރިކަމުގެ ރޮނގުން ތުރުކީއަށް އައިސްފައިވާ ކުރިއެރުންތަކާ ގުޅޭ ފޮތެއް ވަނީ ރައީސް އަތްޕުޅަށް އަރުވާފަ އެވެ. އަދި އެޔޫނިއަންގެ ފަރާތުން ހާއްސަ ހަނދާނީ ފިލައެއް ވެސް ރައީސް އަށް ވެދުމަށް އެރުވި އެވެ.

މިބައްދަލުވުމުގައި، އިންޓަރނޭޝަނަލް ޔޫނިއަން އޮފް ޔުނިވަސިޓީސްގެ ރައީސް ވަނީ އެޔޫނިއަންގެ ފަރާތުން، އިސްތަންބޫލްގައި މިނޮވެންބަރު މަހުގެ 24 އިން 27އަށް ބޭއްވުމަށް ހަމަޖެހިފައިވާ، 9 ވަނަ "އޯ.އައި.ސީ. ހަލާލް އެކްސްޕޯ" ގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ދެއްވުމަށް އެދި ދަޢުވަތު އަރުއްވާފަ އެވެ.

އަންނަ އަހަރު މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމުގެ ޝައުގުވެރިކަން މިބައްދަލުވުމުގައި އައި.ޔޫ.ޔޫ. އިން ވަނީ ފާޅުކުރައްވާފަ އެވެ.

އެގޮތުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ފުޅާކޮށް ޞިއްޙީ ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި ރާއްޖޭގެ ތަރައްޤީއަށް މުހިންމު އެހެން ދާއިރާތަކުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މި އެކްސްޕޯގެ ޒަރިއްޔާއިން މަގުފަހިވެގެންދާނެކަމަށް އައި.ޔޫ.ޔޫ. އިން މަޢުލޫމާތު ދެއްވާފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top