ގައުމެއްގެ ސިޔާސީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ގެއްލިދާ އެންމެ ބޮޑު ސަބަބަކީ އިގްތިސާދީ ނުތަނަވަސްކަން ކުރިމަތިވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމެއް ފުދުންތެރިވެ، އިގްތިސާދީ ހަކަތަ ދައުރު ކޮށްދޭ މައިނާރަކީ، އެގައުމެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރިތަކުގެ 95 އިންސައްތަ ހިއްސާކުރަނީ، އެ ވިޔަފާރިތައް ކަމަށެވެ.
މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްގީވުމަށް ފަހި މާހައުލެއް، މިފާއިތުވި 4 އަހަރުން ގާއިމުކޮށްދެވިއްޖެ ކަމަށާއި މި ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ހިންގުމުގައި ހުރި އިދާރީ ހުރަސްތައް، ވަރަށް ބޮޑަށް މިހާރު ކުޑަކުރެވިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި ނިޒާމް ޑިޖިޓައިޒް ކުރެވިއްޖެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގައި މީގެކުރިން އޮތް ކޮޅުންނުލާ ކިއު، މިހާރު ހަމައަކަށް އަޅުވައި ތަރުތީބު ކޮށްފައިވާ ކަމަށާއި އެސް.އެމް.އީ. ބޭންކުގެ ޒަރީޢާއިން މި 4 އަހަރު އުފެދުނު ވިޔަފާރިތައް، އިޤްތިޞާދު ހިންގުމުގަޔާއި ވަޒީފާ އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރަމުން ގެންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ، އެއީ ގާނޫނަކުން ކަށަވަރުކޮށްދޭ ހައްގުއްގެ ގޮތުގައި ކަނޑައެޅިއްޖެ. އެ ޤާނޫނުގެ ލާބަ، މަސައްކަތްތެރިންނަށް މިހާރު އެދަނީ ލިބެމުން. އަދި ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ހެޔޮ ބަދަލުގެ އަސަރު ލިބެމުން އެބަދޭ." ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އިރާދަކުރެވިއްޔާ އަންނަ އަހަރު މި ހެޔޮ ބަދަލު ގެނެވޭނީ ސިއްހީ ދާއިރާއަށް ކަމަށެވެ.






