ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްޓެލްކޯގައި އަލަށް ހުޅުވާފައިވާ "ސްޓެލްކޯ ޗައިލްޑްކެއަރ ސެންޓަރ" އަށް ޒިޔާރަތްކުރައްވައިފި އެވެ.

ސަރުކާރުން ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން، ހުޅުވާފައިވާ މި ސެންޓަރަށް އެ ދެ ކަނބަލުންގެ މި ޒިޔާރަތުގައި އެތަނުގައި ތިބި ކުދިންނާއެކު ވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފަ އެވެ.

ސްޓެލްކޯގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ހުޅުވިމި ސެންޓަރު ގާއިމްކޮށްފައި ވަނީ ސްޓެލްކޯގެ މައި މަރުކަޒުގެ ފުރަތަމަ ފަންގިފިލާގަ އެވެ. އުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ މިތަން ރަސްމީ ދުވަސް ދުވަހު ހެނދުނު 8:15 އިން ހަވީރު 4:00 ހަމަޔަށް ހުޅުވާފައި ހުންނާނެ އެވެ.

މިހާރު ވެސް 33 ކުދިން ރެޖިސްޓަރކޮށްފައިވާ މި ސެންޓަރުގައި ހިދުމަތް ދޭ ފަރާތްތަކަކީ ކަމާގުޅޭ ޚާއްޞަ ތަމްރީންތައް ލިބިފައިވާ ޤާބިލް ފަރާތްތަކެކެވެ. އަދި، މި ސެންޓަރ ފަރުމާކޮށްފައި ވަނީ ކުދިންނާ ރަށްޓެހި ރައްކާތެރި މާޙައުލެއްގައި އެކުދިންގެ ވަގުތު ހޭދަކުރެވޭނެ ގޮތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ މި ސިޔާސަތުތަކުގެ ދަށުން ސަރުކާރުގެ ވަޒިފާ އަދާކުރާ ކޮންމެ މަންމައަކަށް މުސާރައާއެކު 6 މަސްދުވަހުގެ މެޓަރނިޓީ ލީވް ލިބޭނެގޮތާއި، އަދި ކޮންމެ ބައްޕައަކަށް މުސާރައާއެކު 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް ލިބޭނެ ގޮތް ފަހިކޮށްދެއްވާފަ އެވެ.