ނިލަންދެއަތޮޅު ދެކުނުބުރި (ދ. އަތޮޅު) ބަނޑިދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއު މިހާރު އޮތީ ބިޑުކުރުމުގެ މަރުޙަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނި މިހެން ވިދާޅުވީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވެވި މަޝްވަރާގަ އެވެ.
ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ބަނޑިދޫ ކައުންސިލް މެންބަރުން ވަނީ ކުދި ރަށްތަކުގެ ތަރައްޤީއަށް މި ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވައި، އެކަމަށްޓަކައި ސަރުކާރަށާއި، ރައީސް އަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން އެ ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތަކާއި، ފުޓްސަލް ދަނޑާއި، އާ ވޮލީކޯޓެއްގެ މަސައްކަތް ފަށާފައިވާކަން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ޢާއިލީ ޕާރކެއް ތަރައްޤީކުރުމުގެ މަސައްކަތްތައް ފަދަ މިހާރު ކުރިޔަށްދާ ނުވަތަ ފެށުމަށް ތައްޔާރުވެފައިވާ ބައެއް މަޝްރޫޢުތައް ވެސް ފާހަގަކުރެއްވި އެވެ.
ބަނޑިދޫގެ ތަރައްގީއަށް އެންމެ ބޭނުންވާކަންކަމުގެ ގޮތުގައި، ކައުންސިލުން ފާހަގަކުރައްވާފައި ވަނީ ކުނިނައްތާލުމާއި، އޮޑިދޯނިފަހަރު އެހެލައިބޭލުމާއި، އަދި ސިނާއީ މަސައްކަތްތައް ކުރުމަށް ހާއްސަ ސަރަޙައްދުތައް ކަނޑައެޅުމަށް ރަށަށް ބިން އިތުރުކުރުމެވެ.
ހަމަމިއާއެކު ސްކޫލަށް މަލްޓިޕާޕަސް ހޯލަކާއި، އިތުރު 9 ކްލާސްރޫމް ބޭނުންވާކަމާއި، ރަށްގިރަމުންދާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް އާ ޢިމާރާތެއްގެ މުހިންމުކަމާއި، އެރަށުގައި އައިސްޕްލާންޓެއް ޤާއިމުކުރުމާއި މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.

ބަނޑިދޫ އ.ތ.މ. ކޮމެޓީން ވެސް ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމާއި މާލީދަތިތައް ފާހަގަކުރައްވާފަ އެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ އަދި ކުރިޔަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވައި، ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު މިހާރު އޮތީ ބިޑުކުރުމުގެ މަރުޙަލާގައި ކަން ފާހަގަ ކުރެއްވި އެވެ. އަދި ސްކޫލްގެ 4 ކްލާސްރޫމްގެ އިމާރާތްކުރުމުގެ މަޝްރޫއު ބަޖެޓުގައި ހިމެނިފައިވާކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ސްކޫލަށް މަލްޓިޕާޕާސް ހޯލެއް އިތުރުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ވެސް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.






