އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މިފަދަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ހާއްސަކޮށްގެން ބާއްވާ "ވުނަދާނަ ފެސްޓިވަލް 2022" ހެދިގޮނޑުދޮށުގައި ފަށައިފި އެވެ.
މި ފެސްޓިވަލް ބައްލަވާލެއްވުމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ހަވީރު ވަނީ މި ފެސްޓިވަލަށް ޒިޔާރަތްކުރައްވާފަ އެވެ. މި ޒިޔާރަތުގައި އެކަމަނާ ވަނީ މި ފެސްޓިވަލްގައި ބަހައްޓާފައިހުރި އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަނާބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފަ އެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ކުރިޔަށްގެންދާ މި ފެސްޓިވަލްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ޖުމްލަ 60 ވިޔަފާރިއެއް ބައިވެރިވާއިރު މިއީ އެފަދަ ވިޔަފާރިތައް ކުރިއަރުވައި އެތަންތަނުގެ އުފެއްދުންތައް މާކެޓްކުރުމަށް ވެސް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ.
އެއްދުވަހުގެ މުއްދަތައް ކުރިޔަށްގެންދާ މި ހަރަކާތުގައި ދަޢުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން ވެސް ބައިވެރިވެ އެތަންތަނުން ފޯރުކޮށްދޭ ވިޔަފާރިއާ ގުޅުންހުރި ޚިދުމަތްތަކާ ފުރުޞަތުތަކުގެ މަޢުލޫމާތު ދިނުންފަދަ ހަރަކާތްތައް ވެސް ކުރިޔަށްގެންދިޔަ އެވެ.






