މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އިންތިޒާމްކުރި ފައިނޭންޝަލް ޖާނަލިޒަމް ވޯކްޝޮޕް ބާއްވައިފި އެވެ.
މެންހެޓަން ބިޒްނަސް ހޮޓެލްގައި މި ވޯކްޝޮޕް ބާއްވާފައިވަނީ 5 ސެޝަނަކަށް ބަހާލައިގެން ނެވެ.
މި ވޯކްޝޮޕްގައި އިގްތިސާދުގައި ބޭންކުތަކުން އަދާ ކުރާ ދައުރާއި، ލޯނު ދޫކުރުމުގައި ބޭންކުން ބަލާ މިންގަނޑުތައް ވަނީ ކިޔައިދެއްވާފަ އެވެ. އަދި ޑިޖިޓަލް ބޭންކިންގ ކުރިއަރަމުން އަންނަ ގޮތުގެ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފަ އެވެ.

މީގެ އިތުރުން މަނީ ލޯންޑަރިންގ އާއި ޓެރަޒިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމަށް މާލީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި، ފައިނޭންޝަނަލް އެނަލިސިސް އަދި ރިޕޯޓްތައް ބަލައި ރިޕޯޓްކުރާނެގޮތުގެ މައުލޫމާތު ވެސް ވަނީ ދީފައެވެ.
ހަމަމިއާއެކު އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ގޮތްތަކާއި އާންމުން މިކަމުން ރައްކާތެރިވުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ބުނެދެވުނެވެ. އަދި މިފަދަ ހާލަތްތަކުގައި ބޭންކުން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލެވުނެވެ.
މި ވޯކްޝޮޕްގައި ނޫސްވެރިންނާއި މީޑިއާ ކައުންސިލް ހިމެނޭހެން ޖުމްލަ 25 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.






