Close

ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމަށް މަޝްވަރާ ކުރައްވައިފި

ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ސަފީރުންގެ ވަފުދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދަ ޞާލިޙް ބައްދަލުކުރައްވާ ބޭއްވެވި ބައްދަލުު ކުރެއްވުމުގަ އެވެ.

ހަ ވަނަ "މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް" ގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ މި ވަފުދުގެ ބޭފުޅުންނާއެކު ރައީސް ބައްދަލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ވަފުދުގެ ބޭފުޅުން ވަނީ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގްގެ އެޖެންޑާއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ރައީސް ވަނީ ޔޫރަޕަށް ދަތުރުކުރާ ރާއްޖޭގެ ދަތުރުވެރިންނަށް ޝެންގެން ވިސާ ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ހަމަޖެއްސުމާ ބެހޭގޮތުންނާއި ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އީޔޫގެ ވަފުދުގެ ބޭފުޅުން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަކީ މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖެއާ އިތުރަށް ގުޅުންބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.

އެގޮތުން، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓައި ރާއްޖޭން އަދާކުރި އިސްދައުރު ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވި އެވެ. އދ.ގެ ހިއުމަން ރައިޓްސް ކައުންސިލު ( ޔޫ.އެން.އެޗް.އާރު.ސީ) ގެ 2023-2025 ވަނަ ދައުރުގެ މެންބަރުކަން ރާއްޖެއިން ކާމިޔާބުކޮށްފައި ވާތީ އެކަން ފާހަގަކުރައްވައި، އީޔޫގެ ވަފްދުގެ ބޭފުޅުން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވަފުދުގެ ބޭފުޅުން ވަނީ ޔޫ.އެން.އެޗް.އާރު.ސީ މެދުވެރިކޮށް ހުޅަނގުގެ ޤައުމުތަކާއި އޭޝިއާގެ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފަ އެވެ. އަދި ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އީޔޫއާ ދެމެދުގައި އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވި އެވެ.

"ހަ ވަނަ މޯލްޑިވްސް-އީޔޫ ޕޮލިސީ ޑައިލޮގް" ބާއްވަނީ 23 ނޮވެންބަރު 2022 ގައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ދެނިސް ޗައިބީ އެވެ.

މީގެ އިތުރުން މިވަފުދުގައި ހިމެނިވަޑައިގަންނަވަނީ އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓާ މަނެއްލާ އާއި އޮސްޓްރިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެތެރީނާ ވީޒަރ އާއި ޖަރުމަނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޮލްގަރ ލޯތަރ އާއި ނެދަލެންޑްސް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބޮނީ ހާރބޯކް އާއި އެމްބަސީ އޮފް ރޮމޭނިޔާގެ ޗާޖް ޑި އެފެއާޒް ވިކްޓަރ ޗިއުޑިއާ އަދި ފްރާންސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، އޮރެލިއެން މެއިލޭ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top