Close

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 4 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ތަސްދީގު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި އެވެ.

މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 7 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިޞްލާޙުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުން ދޫކުރާއިރު ފުރުން މަނާކުރުމާއި ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ ގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބަދަލު ގެނެސްފައި ވެއެވެ. އަދި، ބަންދުގައިވާ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތާ ގުޅޭ ގޮތުން މިހާރު ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުތަކަށް ބަދަލު ގެނެސްފައި ވެއެވެ.

ހަމަ އެއާއެކު މި އިޞްލާޙުން، ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައިވާ މީހާއާއި ޕްރޮސެކިއުޓާރ ޖެނެރަލާ ދެމެދު ވެވޭ އިޢުތިރާފުގެ އެއްބަސްވުމާގުޅޭ އުސޫލުތަކަށް ބަދަލު ގެނެސްފައި ވެއެވެ.

މި އިޞްލާޙުން، ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީޢަތެއްގައި ހެކިބަސްދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަކަށް އެދުމާއި އަމުރު ނެރެދިނުމާ ގުޅޭ އުސޫލުތަކާއި ހިމާޔަތްކުރެވޭ ހެކީންގެ ހެކިބަސް ނެގުމާ ގުޅޭ އުސޫލުތައް ޤާނޫނުގައި ކަނޑައެޅިގެންދާނެ އެވެ.

މިގޮތުން ޖިނާއީ މައްސަލައެއްގައި ހިންގޭ ޝަރީޢަތެއްގައި ހެކިބަސްދޭ މީހާއަކީ އޭނާ ހެކިބަސް ދިނުމުގެ ސަބަބުން އޭނާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ އިހްތިމާލު އޮތްކަމުގައި އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބުރަވެ ދަޢުލަތަށް ޤަބޫލުކުރެވޭނަމަ، ހެކިބަސްދޭ މީހާ ޙިމާޔަތްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ކޯޓަށް ހުށަހަޅަންވާނެކަމަށް މި އިޞްލާހުގައި ކަނޑައަޅައިފައި ވެއެވެ.

ރައީސް، މި ބިލު ތަސްދީގް ކުރެއްވުމާ ގުޅިގެން، ޖިނާއީ އިޖުރާއަތުގެ ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފަ އެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓު ގައި ޝާއިޢުކުރާ ތާރީހުން ފެށިގެން ނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top