ވިލިމާލެ އ.ތ.މ.ކ މެންބަރު ފާތިމަތް ނާޒިމާ (ފާތުން)، މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އަށް ޝުކުރު އަދާ ކުރައްވައިފި އެވެ.
އޭނާ ޝުކުރު އަދާކުރައްވާފައިވަނީ ސިނަމާލެ 4 ގެ ފްލެޓްތައް އަމިއްލަކުރަން ބޭނުންވާ ފަރާތްތަކުގެ ޖޫރިމަނާ މައާފު ކޮށްދިނުމުން ނެވެ.
ފޭސްބުކް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފާތުން ވިދާޅުވީ ޑރ މުއިއްޒު، މޭޔަރުކަމާއި ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހުން ފެށިގެން އެކަމަށް ހައްލެއް ގެނެސް ރައްޔިތުންގެ ހިތަށް ތަސައްލީ ގެނެސްދިނުމަށް ވަރަށް ގަދަ އަޅާ މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލު ކުރައްވާ ރައްޔިތުންގެ އަޑު ކައިރިން އައްސަވާ އެކަން ހައްލު ކުރެއްވުމަށް މަސައްކަތް ފެއްޓެވި ކަމަށެވެ.
ސިނަމާލެ 4 ގައި ދިރިއުޅޭ ފަރާތްތައް އެތަނަށް ފައިސާ ދައްކާތާ 18 އަހަރު ވީއިރުވެސް އެކަމަށް ހައްލެއް ގެނެސްދިނުމުގައި ކުރީގެ ހުރިހާ ކައުންސިލެއް ވަނީ ނުކުޅެދިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް ޕީޕީއެމް އަށް މާލެ ސިޓީގެ މެޖޯރިޓީ ލިބުނު ފުރަތަމަ ފަހަރު ވެސް އެންމެ އިސްކަންދިނީ ރައްޔިތުން އެންމެ ބޭނުންވެފައި ހުރި ކަންތައް ހައްލުކޮށްދިނުމަށާއި މިއީ ރައީސް ޔާމީންގެ ތަރައްގީގެ ފިކުރުގައި ހުންނެވި މޭޔަރ މުއިއްޒުގެ ހިންގުންތެރިކަން ކަމުގައި ފާތުން ފާހަގަ ކުރެއްވި އެވެ.
ފާތުން އިތުރަށް ވިދާޅުވީ މިކަމުގައި މާލެ ސިޓީ ކައުންސިލަަށާއި މޭޔަރ މުޢިއްޒުއަށް ސަރުކާރުން ދެއްވި އެއްބާރުލުމަށް ސަރުކާރަށް ޝުކުރު އަދާ ކުރާ ކަމަށެވެ.






