Close

މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ގެވެށި ގުޅުން ބަދަހި ކުރުމަށް: ނައިބު ރައީސް

މިސަރުކާރު އައުމާއިއެކު މަސައްކަތް ފެށިފައި ވަނީ ގެވެށި ގުޅުން ބަދަހިކޮށް އުފާވެރި ޢާއިލާއެއް ބިނާކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ގެވެށި ގުޅުން ކެންޕެއިންގެ ކުޑަކުދިންގެ ވާހަކަފޮތް ސީރީޒް، ސާސްތުރަ މަޖައްލާގެ އޯޑިއޯ ވަރޝަން އަދި އާ ވީޑިއޯ ލަވަ އިފްތިތާޙްކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އުފާވެރި އާއިލާއެއް ބިނާކުރުމުގައި އޮތް ހުރަސްތައް ނައްތާލުމަށް ކަމަށެވެ.

އެމަނިކުފާނު ވަނީ ގެވެށި އަނިޔާގެ މައްސަލަތަކަކީ އަބަދުވެސް މުޖުތަމައުގެ ތެރޭގައި އޮތް ކަމެއްކަން ފާހަގަ ކުރައްވާފަ އެވެ. އަދި އުފާވެރި އާއިލާއެއް ބިނާކޮށް މުޖުތަމައުގައި ހަމަޖެހުން ގާއިމްކުރުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފަ އެވެ.

މިގޮތުން ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މަންމައަށް، އަދި އެއްމަސް ދުވަހުގެ ޕެޓާރނިޓީލީވް ބައްޕައަށް ހަމަޖައްސައިދީ، މަސައްކަތު މާހައުލުގައި ދަރިންނާއިއެކު މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެމުންދާކަން ފާހަގަކުރެއްވި އެވެ. އަދި ކުރިޔަށް އޮތްތަނުގައި، އަލަށް އިމާރާތްކުރެވޭ ސްކޫލުތަކުގައި ފެމެލީ ލައުންޖްތައް ޤާއިމް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނައިބު އިތުރަށް ވިދާޅުވީ، އާއިލީ ގުޅުން ބަދަހިކުރުމަށާއި އުފާވެރި އާއިލާއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ގެވެށިއަނިޔާގެ މައްސަލަތައް ރިޕޯޓްކުރުން އިތުރުވެފައިވާ ކަމަށެވެ. މިގޮތުން ނިމި ދިޔަ އަހަރު ގެވެށި އަނިޔާގެ 494 މައްސަލައެއް ހުށައެޅިފައިވާ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކުޑަކުދިންގެ ޅަފަތުގެ ތަރުބިއްޔަތާއި ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ، ކުޑަކުދިން އެންމެ ގިނަވަގުތު ހޭދަކުރަނީ ގޭގައި އެކުދިންގެ އާއިލާތަކާއިއެކުގައި ކަމަށްވުމާއިއެކު ގޭތެރެއިން ފެންނަ ރަނގަޅުކަންކަމާއި ނުރަނގަޅު ކަންކަމުގެ އަސަރު ކުޑަކުދިންނަށް ކުރާ ކަމަށެވެ.

އެހެންކަމުން މައިންބަފައިންނާއި މުޖުތަމަޢުގެ ތެރެއިން ކުޑަކުދިންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ކުރެވޭ ކެމްޕޭންތަކުންނާއި މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެންކަން ފާހަގަކުރައްވައި، މިކަމުގައި މުޅި މުޖުމަޢުގެ އެންމެން ބައިވެރިވުމަށް ގޮވާލެއްވި އެވެ.

މިޖަލްސާގައި ކުޑަކުދިންގެ ވާހަކަފޮތް ސީރީޒް، އިފްތިތާހްކޮށްދެއްވީ ނައިބު ފައިސަލް ނަސީމެވެ.

ގެވެށިގުޅުން ކެންޕެއިން، ފަށާފައި ވަނީ، 15 ޖުލައި 2020 ގަ އެވެ. މިކެމްޕެއިންގެ ތެރެއިން އާއްމުން ހޭލުންތެރި ކުރުމަށް ގިނަ ޙަރަކާތްތަކެއް މިފާއިތުވި ދެއަހަރުގެ ތެރޭގައި ވަނީ ހިންގާފަ އެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top