ދޯނި ފަހަރު އެހެލުމަށް ބޭނުންވާ ސަރަޙައްދެއް ހަމަޖައްސައިދިނުމަށް ބ. މާޅޮހު ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަރިހު ދަންނަވައިފި އެވެ.
އެ ރަށު ކައުންސިލުން މިހެން ދެންނެވީ އެ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ.
އީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މީގެ ކުރިން ރައީސް ވަޢއުވެވަޑައިގެންނެވި ގޮތަށް މާޅޮހުގައި ފެނާ ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު ފަށައިގެން މިހާރު ކުރިޔަށްދާކަން އެ ކައުންސިލުން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ފާއިތުވި ސަރުކާރުތަކުން ކުދި ރަށްތަކުގެ ތަރައްގީ ވަރަށް ބޮޑަށް ދޫކޮށްލާފައިވީނަމަވެސް މި ސަރުކާރުން ކުދި ރަށްތަކަށް ވެސް ތަރައްގީ ގެނައުމަށް މަސައްކަތް ކުރައްވަމުންދާކަން ވަނީ ފާހަގަކުރައްވާފަ އެވެ.
އެރަށުގެ ތަރައްގީއަށް މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސް އާ ހިއްސާ ކުރައްވާފައިވާއިރު، އެގޮތުން، ރަށުގެ ބަނދަރުގެ ދަތިކަން ވަނީ ކައުންސިލުން ފާހަގަ ކުރައްވާފަ އެވެ. އަދި އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ރައްޔިތުން އެދޭކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ވެސް ހިބަޅިދޫ މާޅޮހު ކައުންސިލްގެ އިހްތިސާސްގައި ހިމަނައިދިނުމަށް ވެސް ވަނީ އެދިފަ އެވެ. އަދި ބަނދަރާއެކީ ރަށްގިރުމުގެ މައްސަލައާއި ދޯނި ފަހަރު އެހެލުމަށް ބޭނުންވާ ސަރަހައްދެއް ހަމަޖައްސައިދިނުމަށް ވެސް ވަނީ ދަންނަވާފަ އެވެ.
ހަމައެއާއެކު މިސްކިތުގެ ޖާގަ ކުޑަވުުުުމުން ދިމާވާ ދަތިތަކާއި، ދީނީ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަމަށް ދެންނެވި އެވެ. އަދި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފަ އެވެ.

މާޅޮހު އ.ތ.މ. ކޮމިޓީން ވެސް ވަނީ ހިބަޅިދޫ މާޅޮހު ކައުންސިލްގެ އިހްތިސާސްގައި ހިމަނައިދެއްވުމަށް އެދި ދަންނަވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މާޅޮހުގެ ތަރައްގީއާ ގުޅޭ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާ ކުރައްވާފަ އެވެ. އަދި ކައުންސިލާއި އ.ތ.މ. ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ސަރުކާރުން ރަށްރަށަށް ތަރައްގީ ގެނައުމުގައި ކައުންސިލްތަކާއެކީ މަޝްވަރާކުރައްވައިގެން ރައްޔިތުން އެންމެ އެދޭގޮތަށް ކަންކަން ކުރިޔަށްގެންދެވޭތޯ މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފަ އެވެ.






