ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޙަބީބާ ޙުސައިން ޙަބީބު ދިވެހި ދައުލަތަށް ހިދުމަތްކުރެއްވި 49 އަހަރަށްވުރެ ދިގު މުއްދަތުގައި ދައްކަވާފައި ވަނީ، މަސައްކަތަށް ކަމޭ ހިއްތެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ހަބީބާ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވައި، ލިޔުއްވި ބަޔާނުގައި ރައީސް ވިދާޅުވީ އެކަމަނާ އަވަހާރަވުމަކީ، ވަރަށް ގިނަ ގޮތްގޮތުން ދިވެހިގައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ދިވެހި ދައުލަތަށް އިހްލާސްތެރިވުމާއި، ސަރުކާރަށް ވަފާތެރިވުމުގައި ހަބީބާ އަކީ ވަރަށް މަތިވެރި ނަމޫނާއެއް ކަމުގައި ވެސް ރައީސް ލިޔުއްވާފައި ވެއެވެ.

މީގެ އިތުރުން ލިޔުންތެރިކަމުގެ ރޮނގުންނާއި ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީހަށް ކުރެއްވި ހިދުމަތްތަކުގެ އިތުރުން، ރާއްޖޭގައި ލައިބްރަރީގެ ހިދުމަތް ތަރައްގީކުރައްވައި، ފުޅާކުރެއްވުމުގައި ހަބީބާ އަދާކުރައްވާފައި ވަނީ، ޝުކުރުވެރިވުން ހައްގު ދައުރެއްކަން ވެސް ރައީސްގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ހަމަމިއާއެކު އަލްމަރްހޫމާ ޙަބީބާ ޙުސައިން ޙަބީބުގެ ފުރާނަފުޅަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، އެކަމަނާގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައި ވެސް ވެއެވެ.
ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ހުސްވި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ހަވީރު އޭ.ޑީ.ކޭ. ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.






