ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ހަނދާނުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފި އެވެ.
ތައުޒިޔާގެ ދަފްތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި، ޗައިނާގެ ކުރީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ތަޢުޒިޔާ ވިދާޅުވެފަ އެވެ. އަދި ޖިއަންގ ޒިމިންގެ ޒަޢާމަތުގައި އެޤައުމަށް ލިބިގެންދިޔަ ކުރިއެރުންތައް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ޒައާމަތުގައި، ޗައިނާއިން ބައިނަލްއަޤުވާމީ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތަކަށް ވެސް ތައުރީފްކުރެއްވި އެވެ.
ޖިއަންގ ޒިމިން އަވަހާރަވީ، ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ، 96 އަހަރެވެ.






