ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން "ކިހިނެތް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިފްތިތާހް ކޮށްދެއްވައިފި އެވެ.
ސަރުކާރުގެ ގައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ނަފްސާނީ ދުޅަހެޔޮކަމަށް ދެއްވާ އިސްކަމުގެ ތެރޭން ކުރެވޭ މަސައްކަތްތަކުގެ ދަށުން މި ކެމްޕެއިން އިފްތިތާހްކޮށްދެއްވީ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވައި އަދި މިހާރުވެސް މަސައްކަތްކުރަމުން އަންނަނީ އެންމެ ފަރުދަކު ވެސް ބާކީ ނުކޮށް އަދި ތަފާތުނުކޮށް، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ލިބިދިނުމަށްކަމުގަ އެވެ. އަދި ނަފްސާނީ ހާލަތެއް މެދުވެރިވާކަމުގެ އަލާމާތްތައް އޭގެ ކުރީކޮޅުގައި ދެނެގަތުމާއި އަދި އެންމެ ކުރީކޮޅުގައި އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދައި ފަރުވާ ދޭން ފެށުމުގެ މުހިންމުކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެގޮތުން މި ކެމްޕެއިނަކީ ވެސް މި ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ބައެއްކަމަށާއި މި ކެމްޕެއިނުގެ އިތުރުން ނަފްސާނީ ފަރުވާގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ވެސް ރައީސް އަލިއަޅުވާލެއްވި އެވެ.

ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގައި ފުރަތަމަވެސް ކަމާބެހޭ ތަޖުރިބާކާރެއްގެ ފަރުވާ ހޯދުމުގެ ކުރިންވެސް ކުރެވިދާނެ ބައެއްކަންކަންހުރިކަން ފާހަގަކުރެއްވި އެވެ. އެގޮތުން ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންގެ އެހީތެރިކަމާ އެއްބާރުލުން ހޯދުމާއި އިޖްތިމާއީ ބަދަހިކަން މިކަމުގައި އަދާކުރާ މުހިންމު ރޯލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ކިހިނެތް" ކެމްޕެއިނަކީ އަމިއްލަ ނަފްސަށް އަޅާލުމުގެ އާދަ އަށެގެންނެވުމާއި އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މާހައުލެއް އުފެއްދުމާއި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކާމެދު އޮންނަ ތަފާތުކުރުން ނައްތާލުމަށް ކުރިޔަށްގެންދެވޭ ކެމްޕޭނެކެވެ.
ޔުނިސެފުގެ އެހީތެރިކަމާއެކު ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ކެމްޕޭނަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނެ ކެމްޕޭނެކެވެ.
ރާއްޖޭގައި ގާޢިމުކުރި ނަފްސާނީ ފަރުވާ ދޭ ފުރަތަމަ މަރުކަޒުކަމުގައިވާ "ސެންޓަރ ފޯ މެންޓަލް ހެލްތު" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މާޗް 2019 ގައި ހުޅުވުމަށްފަހު އެ ހިދުމަތްތައް އިތުރަށް ފުޅާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް މެންޓަލް ހެލްތް ސެންޓަރެއް ގާއިމުކޮށް މިހާރު އަންނަނީ ހިދުމަތް ދެމުން ނެވެ. އަދި ހިދުމަތް ދެމުން އަންނަނީ، ނަފުސާނީ ބަލިތަކަށް ބޭނުންވާ ގިނަ ފަރުވާތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށެވެ.
މީގެ އިތުރުން މިހާރު ޓާޝަރީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ ފަސް ހޮސްޕިޓަލުގައިވެސް ނަފްސާނީ ފަރުވާދޭނެ އިންތިޒާމުތައް މިހާރު ހުރީ ހަމަޖެހިފަ އެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެޑް އިންޓަރިން މިސްޓަރ ޕައުލޯ ސަސަރާއޯއާއި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.






