Close

އެކާވީސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި ހިފައިގެން ރާއްޖެ އައި މީހެއް ހައްޔަރުކޮށްފި

ޕާކިސްތާނުން ރާއްޖެއައި މީހެއްގެ އަތުން އެކާވީސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވީ މިއީ ވައިގެ މަގުން ޕާކިސްތާނުން ރާއްޖެއައި އެޤައުމުގެ ރައްޔިތެއް ކަމަށެވެ.

މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ސެޕްޓެމްބަރު 18 ވަނަ ދުވަހު ކަމަށާއި އެމީހާ އަކީ އުމުރުން 30 އަހަރުގެ ޕާކިސްތާން ފިރިހެނެއް ކަމަށެވެ.

އެތަކެތި ފެނިފައިވަނީ އެ ފަސިންޖަރަކާއިމެދު ޝައްކުކުރެވިގެން، އެ ފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ވިދާޅުވި އެވެ.

މިގޮތުން، އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން  (Heroin) އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 17.26 ކިލޯ ހުރި ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވި އެވެ.

ކަސްޓަމްސް އިން ވިދާޅުވީ މިތަކެތީގެ މަގުމަތީ އަގު 21,000,000.00 (އެކާވީސް މިލިއަން) ރުފިޔާއަށް އަރާ ކަމަށެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކޮށްފައެ ވެ.

މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 6 ވަނަ ފަހަރެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 55.405 ކިލޯގެ ހެރޮއިން ވަނީ އަތުލައިގަނެވި ފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top