ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ތަޙްނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
މި މެސެޖުގައި ވިދާޅުވީ، ސަރަހައްދީ އެއްބާރުލުމާއި އެކު ހުރިހާ ފަރާތްތަކަށް ސުލްހަ މަސަލަސް ކަމާއި ހަމަޖެހުން އޮންނާނޭ ގޮތަށް ޢަމަލުކުރުމުގެ މުހިއްމުކަން، ރާއްޖެއިން ފާހަގަކުރާ ކަމަށެވެ. ސާކް ޗާޓަރގެ އަސާސްތައް ރާއްޖެއިން އަބަދު ވެސް ދަމަހައްޓާނޭކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
މީގެ އިތުރުން ސާކްގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮތް ޒަމާންވީ ވިޔަފާރިއާ ސަގާފީ ގުުޅުންތަކާއި ބޭނުން ޖެހޭ ދަނޑިވަޅުތަކުގައި، އެހީތެރިވުމުގައި ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލައްވާފަ އެވެ.
ހަމަމިއާއެކު ސާކު ސަރަަހައްދުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ހޯއްދަވައިދެއްވުމުގައި މެމްބަރު ގައުމުތަކުގެ އެކުގައި މަސައްކަތްކުރައްވަމުން ގެންދަވާނޭކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވަމުން ނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކަށް 38 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލް، އެސަލަ ރުވަން ވީރަކޫން އަށާއި، ސާކްގެ މުވައްޒަފުންނަށާއި، ސާކް ގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވަނީ އަރިސްކުރައްވާފަ އެވެ.
"ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.






