ދިވެހިރާއްޖެއަކީ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯ.އޭ.ސީ.ޕީ.އެސް.)ގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ހަމަޖެހިއްޖެ އެވެ.
އެންގޯލާގެ ލުއާންޑާގައި މި ޑިސެންބަރު މަހުގެ 6 އިން 9 އަށް ކުރިޔަށްދިޔަ އޯ.އޭ.ސީ.ޕީ.އެސް. ގެ 10 ވަނަ ސަމިޓުގައި އެ ޖަމުޢިއްޔާގެ މެމްބަރު ހުރިހާ ޤައުމަކުން ވެސް ވަނީ އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ގައުމަކަށް ރާއްޖެވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް ތާއީދުކޮށްފަ އެވެ.
މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގެ އެންމެ އިސްބޭފުޅަކީ ރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުالله ޝާހިދު (ނ.ޢ.ޢ.ވ) އެވެ. އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ނެވެ.
އޯ.އޭ.ސީ.ޕީ.އެސް. ގެ ހުރިހާ މެމްބަރު ގައުމުތަކުގެ ތާއީދު ލިބުމާ އެކު، އޯ.އޭ.ސީ.ޕީ.އެސް.ގެ މެމްބަރު ގައުމުތަކުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ "ރިވައިސްޑް ޖޯޖްޓައުން އެގްރީމެންޓް" އަށް ރާއްޖެއިން ވަނީ އެއްބަސްވެފަ އެވެ.
މީގެ އިތުރުން، ސަމިޓްގެ ހަވާސާގައި ބޭއްވި ރަސްމިއްޔާތެއްގައި ޝާހިދު ވަނީ "އިންސްޓްރޫމަންޓް އޮފް އެކްސެޝަން" ޑިޕޮޒިޓްކޮށްދެއްވާފަ އެވެ.
އޯ.އޭ.ސީ.ޕީ.އެސް.ގެ ފުރިހަމަ މެމްބަރު ގައުމަކަށްވުމަށް ރާއްޖެއިން ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގަ އެވެ. އަދި 2022 މާރިޗު 23 ގައި ވަނީ އޯ.އޭ.ސީ.ޕީ.އެސް. ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފަ އެވެ.
އޯ.އޭ.ސީ.ޕީ.އެސް. އިން 2022 ޖޫންގައި އެ ޖަމުޢިއްޔާގެ "އޮބްޒާވަރ ސްޓޭޓަސް" ރާއްޖެއަށް ވަނީ ދީފަ އެވެ.






