Close

ނައިބު ރައީސް ދެކުނުގެ ދެ ސިޓީއަކަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ދެކުނުގެ ދެ ސިޓީއަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު މިއަދު ފުރާވަޑައިގެންނެވީ އައްޑޫސިޓީއާ ފުވައްމުލައްސިޓީއަށެވެ.

ރައީސް އޮފީހުން ވިދާޅުވީ ނައިބުގެ މިދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާރަށަކަށް ޒިޔާރަތްކުރައްވާނެ ކަމަށެވެ. އަދި އެ ސިޓީގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވާލައްވައި، ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ހުޅުމީދޫ ހެލްތު ސެންޓަރުގައި، އަލަށް ފަށާ ހިދުމަތްތައް ވެސް އިފްތިތާހްކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މިދަތުރުފުޅުގައި، ފުވައްމުލައްސިޓީއަށް ވަޑައިގެން، އެސިޓީގައި ހިންގޭ އުމުރާނީ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެ ކަމަށާއި ފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވި އެވެ. އަދި ޏ އަތޮޅުތަޢުލީމީ މަރުކަޒުގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނައިބު ރައީސް، އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޯމަ ދުވަހު މާލެވަޑައިގަންނަވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top