2015 މާރޗު 21 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއެއްގައި މަރާލާފައިވާ ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް ގެ މަރާއި ގުޅިގެން ދައުވާ ކޮށްފައިވާ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުންނާއި ޝަފައީ ހެކިތަކުން ޝަނޫނުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތު ކަމަށެވެ. އަދި ސިފާމްގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވާ ކަމަށެވެ.
ގާޒީ އިތުރަށް ވިދާޅުވީ މިއީ ގަސްތުގައި މީހަކު މެރުމުގެ މައްސަލައަކަށް ވުމުން، އަދަބު ކަނޑައެޅޭނީ މަރުވި މީހާގެ ވާރިސުންގެ ބަސް ނަގައި، ވާރިސުން އެދޭ ގޮތަށް ކަމަށާއި އެހެންނަމަވެސް މިއަދުގެ އަޑުއެހުމަށް ވާރިސުން ހާޒިރުވެފައެއް ނުވާ ކަމަށެވެ. އަދި އެ ކަމަށް ފަސް ދުވަހުގެ މުއްދަތެއް ދައުލަތަށް ގާޒީ އެރުވި އެވެ.
މީގެ އިތުރުން ޝަނޫންގެ މައްޗަށް އުފުލާފައިވާ ބިރު ދެއްކުމާއި މާރާމާރީގެ ދައުވާ ވެސް ސާބިތުވާތީ އެ ހުކުމް ވެސް ދެން އޮންނަ އަޑުއެހުމެއްގައި އިއްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
ޒިޔަދަމްގެ މަރާ ގުޅިގެން ދައުވާކުރަނީ ލ. މުންޑޫ/ ބީޗުވިލާ، އަލީ ޝިފާމް (29އ) އާއި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ) ގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
ޒިދަޔަމްގެ މަރާއި ގުޅިގެން ފުލުހުން ކުރިން ވިދާޅުވެފައިވަނީ އޭނާގެ ބޮލަށާއި ބުރަކައްޓަށް އަދި ފަލަމަސްގަނޑަށް ވެސް ހަމަލާދީފައިވާ ކަމަށާއި ޒަހަމްތަކަށް ފަރުވާދިނުމަށް މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މާރާމާރީ ހިންގާފައިވަނީ ދައުވާ ލިބޭ ދެ މީހުންނާއި ޒިޔަދަމް ކެއްކި ބަނގުރާތަކެއް ބެހުމުގެ ތެރެއިން ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
މީގެ ގާތްގަޑަކަށް 8 އަހަރު ކުރިން ހިންގާފައިވާ މި މާރާމާރީގެ މައްސަލަ، މިހައި ދިގުލައިގެން ގޮސްފައިވާއިރު، އެ މައްސަލަ ބައްލަވާ ގާޒީން ވެސް ވަނީ އެކި ފަހަރު ބަދަލުވެފަ އެވެ.
އެ މައްސަލައިގައި މި އަހަރުގެ ތެރޭގައި ވަނީ ހުލާސާ ބަޔާން އިއްވާފަ އެވެ.
ގާނޫނު ބުނާ ގޮތުން ހުސާލާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި މައްސަލައިގެ ހުކުމް ކުރަންޖެހޭނަމަވެސް އޭގެ ކުރިން ކަމެއް ސާފުކުރަން އޮތް ނަމަ އަޑުއެހުން ބޭއްވުމުގެ އިހުތިޔާރު ގާޒީއަށް ލިބިވަޑައިގެން ވެއެވެ.
މި މައްސަލައިގައި އެންމެ ފަހު އަޑުއެހުންބޭއްވީ ހުސްވި ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ބާއްވާފައިވަނީ ހުކުމުގެ ކުރިން ގާޒީ ސާފު ކުރައްވަން ބޭނުންވާ ކަންކަން ސާފު ކުރެއްވުމަށް ބޭއްވެވި އަޑުއެހުމެކެވެ.






