Close

އިގްތިސާދީގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ރާއްޖެއަށް ވަނީ ލިބިފަ: ޑރ ޕޫނަމް

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދެކުނުއިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ޑރ ޕޫނަމް ކެތްރަޕާލް ސިންގް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޑަބްލިއު.އެޗް.އޯއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

މީގެ އިތުރުން ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފް ކުރައްވައި، ކޯވިޑް-19ގެ ބަލިމަޑުކަން ވަރަށް ރަނގަޅަށް މެނޭޖްކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ.

އެކަމަނާ ވަނީ ރާއްޖެއިން، ކޯވިޑް-19 އަށް ފަހު ޞިއްޙީކަންކަމަށް ދޭ ސަމާލުކަން ބެލެންސްކޮށް އިޤްތިޞާދީގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ރާއްޖެއަށް ލިބިފައިވާކަން ފާހަގަކުރައްވާފަ އެވެ.

ހަމަ އެއާއެކު އެކަމަނާ ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގިނަ އަދަދެއްގެ އިންވެސްޓްކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި، ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 12 އިންސައްތަ ޚަރަދުކުރަނީ މި ދާއިރާ ކުރިއެރުވުމަށް ކަމުގައި ފާހަގަކުރައްވާފަ އެވެ.

ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އިރުޝާދަށް ޝުކުރު އަދާކުރައްވައި، ރައީސް ވަނީ ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ އެކަމަނާއަކީ، ތަފާތު ބަލިތައް ނައްތާލުމަށް މަސައްކަތްކުރައްވާ ފަރާތެއް ކަމުގައި ވިދާޅުވެ، މެލޭރިއާ އާއި ޕޯލިއޯ ފަދަ ގިނަ ބަލިތައް ރާއްޖެއިން ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފަ އެވެ.

ހަމަ އެއާއެކު މި ބައްދަލުވުމުގައި ރައީސްއާއި ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top